ޒިކާ ވައިރަސް ޖެހިދާނެތީ އެލްސަލްވަޑޯގައި ކުދިން ހޯދުން ދެ އަހަރަށް ފަސްކުރަން އަންގައިފި

މާބަނޑު ދުވަސްވަރު ޒިކާ ވައިރަސް ޖެހުމުން ބަނޑުގައި އޮންނަ ކުއްޖާއަށް ވައިރަސް ފެތުރި، ތުއްތުކުއްޖާގެ ސިކުނޑި އާލާވުން ކުޑަވެ ކުއްޖާގެ ޖިސްމާނީ ހެދިބޮޑުވުމަށްވެސް އަސަރުކުރޭ -- ފޮޓޯ: އޭޕީ

މަދިރީގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށްވާ ޒިކާ ވައިރަސް ޖެހިދާނެތީ އެލް ސަލްވަޑޯގައި ކުދިން ހޯދުން ކުރިއަށް އޮތް ދެއަހަރަށް ލަސް ކުރަން އެގައުމުގެ ސިއްހީ މާހިރުން އިލްތިމާޒްކޮށްފި އެވެ.

އީޑީސް މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ވައިރަހެއް ކަމަށްވާ ޒިކާ ވައިރަސް މާބަނޑު ދުވަސްވަރު ޖެހުމުން ބައެއް ފަހަރު ބަނޑުގައި އޮންނަ ކުއްޖާއަށްވެސް ވައިރަސް ފެތުރި، މައިކްރޯސެފަލީ ކިޔާ ކޮންޑިޝަންއެއް ދިމާވެ އެވެ. އެކޮންޑިޝަންގެ ސަބަބުން ތުއްތުކުއްޖާގެ ސިކުނޑި އާލާވުން ކުޑަވެ، ކުއްޖާގެ ޖިސްމާނީ ހެދިބޮޑުވުމަށްވެސް އަސަރުކުރެ އެވެ.

އެލްސަލްވަޑޯގެ ޕަބްލިކް ހެލްތުގެ ވައިސް މިނިސްޓަރު، އެޑުވާޑޯ އެސްޕިނޯޒާ ވަނީ މިހާރު މާބަނޑުވެފައިވާ އަންހެނުން މަދިރިން ސަލާމަތްވުމަށް ގެއިން ބޭރަށް ނުދިޔުމަށް އިލްތިމާސްކުރައްވާފަ އެވެ.

"ދަރިން ހޯދުމުގެ އުމުރަށް ގޮސްފައިވާ އަންހެނުން މާބަނޑުވުމުގެ ކުރިން އެކަން ރާވައި، ކުރިއަށް އޮތް ދެ އަހަރުގެ ފަހުން ކުދިން ހޯދުން ފަސްކުރުމަށް އަޅުގަނޑުމެން [މިނިސްޓްރީން] ލަފާދެން،" އިއްޔެ އެސްޕިނާޒޯ ވިދާޅުވި އެވެ.

އެލްސަލްވަޑޯގެ ސަރުކާރުން އެއިއުލާން ކުރުމަށް ނިންމީ މިދިޔަ އަހަރާއި މިއަހަރުގެ ތެރޭގައި އެގައުމުގައި ޒިކާ ވައިރަސް ޖެހުނު މީހުންގެ އަދަދު 5،397އަށް އެރުމުންނެވެ. އަދި 96 މާބަނޑު އަންހެނަކަށް ވައިރަސް ޖެހުނު ކަމަށް ޝައްކު ކުރެވުނު ކަމަށާއި ނަމަވެސް އޭގެ ތެރެއިން އެއްވެސް އަންހެނެއްގެ ކުއްޖަކަށް މައިކްރޯސެފަލީ ނުޖެހޭ ކަމަށް އެސްޕިނާޒޯ ވިދާޅުވި އެވެ.

ޒިކާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައި ވަނީ ބްރެޒިލްއާއި ކޮލަމްބިއާގައި އެވެ. ރާއްޖޭގައި ޒިކާ ވައިރަސް ފެތުރިފައިވޭތޯ ބެލުމަށް ރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވަނީ ނިންމާފަ އެވެ. (ނޫސްއޭޖެންސީތައް)

comment ކޮމެންޓް