އެލް ސަލްވަޑޯއިން ރަސްމީކޮށް ބިޓްކޮއިން ބޭނުން ކުރަނީ

އެލް ސަލްވަޑޯގެ ރައީސް ނަޔީބު ބުކެލޭ -- ފޮޓޯ: ރޮއިޓާސް

ސެން ސަލްވަޑޯ (ޖޫން 6): އެލް ސަލްވަޑޯގައި ބިޓްކޮއިން އަކީ ގާނޫނީ ގޮތުން ބަލައިގަންނަ ފައިސާގެ ގޮތުގައި ކަނޑައަޅާނެ ކަމަށް އެގައުމުގެ ރައީސް ނަޔީބު ބުކެލޭ ވިދާޅުވެއްޖެ އެވެ.

ބުކެލޭ ވިދާޅުވި ގޮތުގައި ކްރިޕްޓޯކަރެންސީ ހުއްދަ ކުުރުމުން، އެލް ސަލްވަޑޯއިން ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް އެގައުމަށް ފައިސާ ފޮނުވަން ފަސޭހަ ވެގެންދާނެ އެވެ. އަދި ވަޒީފާތައް އިތުރުވެ، ނުރަސްމީ ވަޒީފާތައް އަދާ ކުރާ މީހުންނަށް ވެސް ވިޔަފާރީގެ މުއާމަލާތް ކުރުމުގައި ފަސޭހަ ވެގެން ދާނެ އެވެ.

ބުކެލޭ ވިދާޅުވި ގޮތުގައި އެލް ސަލްވަޑޯގެ ރަސްމީ ފައިސާ ކަމަށްވާ ޔޫއެސް ޑޮލަރާ އެއްގޮތަށް ބިޓްކޮއިން ބޭނުން ކުރުމަށް ހުއްދަ ދޭނެ ބިލެއް އޭނާ މި ހަފްތާގައި ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާނެ އެވެ.

"ބިޓްކޮއިން އަކީ ލީގަލް ޓެންޑާއަކަށް ހަދާނެ ބިލެއް އަޅުގަނޑު ކޮންގްރެސްއަށް ހުށަހަޅާނަން،" ބުކެލޭ ވިދާޅުވި އެވެ.

އެލް ސަލްވަޑޯގެ އާބާދީގެ ގާތްގަނޑަކަށް 70 ޕަސެންޓު މީހުން ބޭންކް އެކައުންޓާއި ކްރެޑިޓް ކާޑު ބޭނުން ނުކުރެ އެވެ. އަދި އެގައުމުގެ ޖީޑީޕީގެ 20 ޕަސެންޓަށް ވުރެ ބޮޑު ބައެއް ބަރޯސާ ވެފައި ވަނީ ރެމިޓެންސް ފައިސާ ނުވަތަ ބޭރުގައި ދިރިއުޅޭ އެގައުމުގެ ރައްޔިތުން ފޮނުވާ ފައިސާއަށެވެ. އެ ފައިސާ ޓްރާންސްފާ ކުރާ ހިދުމަތްތަކުން އެކަމަށް ފީއެއް ނެގުމާއި ޓްރާންސްފާއަށް ދުވަސްތަކެއް ނެގުން ފަދަ މައްސަލަތައް މިހާރު ދިމާވާ ކަމަށް ބުކެލޭ ވިދާޅުވި އެވެ.

އެލް ސަލްވަޑޯގެ ގާނޫނު ހަދާ މަޖިލީހުން ބުކެލޭގެ ބިލް ފާސްކޮށްފި ނަމަ އެ ވާނީ ބިޓްކޮއިން އަކީ ލީގަލް ޓެންޑާއެއްގެ ގޮތުގައި ބަލައިގަންނަ ފުރަތަމަ ގައުމަށެވެ.

ދުނިޔޭގެ ފުރަތަމަ ޑިޖިޓަލް ކަރަންސީ ކަމަށްވާ ބިޓްކޮއިން ބޭނުން ކުރަން ފެށީ 2009 ވަނަ އަހަރެވެ. ބިޓްކޮއިންގެ އަގު މިވަގުތު 36,067 އެމެރިކާ ޑޮލަރަށް އަރަ އެވެ.

comment ކޮމެންޓް