އެލް ސަލްވަޑޯގައި ބިޓްކޮއިން ރަސްމީކޮށް ބޭނުން ކުރަން ފާސްކޮށްފި

ކުރިއަށް އޮތް 90 ދުވަސް ތެރޭގައި ބިޓްކޮއިން އަކީ އެލް ސަލްވަޑޯގައި ލީގަލް ޓެންޑާއަކަށް ވެގެން ދާނެ -- ފޮޓޯ: ރޮއިޓާސް

ސެން ސަލްވަޑޯ (ޖޫން 9): އެލް ސަލްވަޑޯގައި ބިޓްކޮއިންއަކީ ގާނޫނީ ގޮތުން ބަލައިގަންނަ ފައިސާއެއްގެ ގޮތުގައި ކަނޑައަޅަން އެގައުމުގެ ކޮންގްރެސްއިން ފާސްކޮށްފި އެވެ.

އެލް ސަލްވަޑޯގެ ރަސްމީ ފައިސާ ކަމަށްވާ ޔޫއެސް ޑޮލަރާ އެއްގޮތަށް ބިޓްކޮއިން ބޭނުން ކުރަން ހުއްދަ ދޭނެ ބިލެއް އެގައުމުގެ ކޮންގްރެސްއަށް ހުށަހެޅުއްވީ ރައީސް ނަޔީބު ބުކެލޭ އެވެ. އަދި އެ ބިލު ފާސްކޮށްފައި ވަނީ 84 މެމްބަރުންގެ ތެރެއިން 62 މެމްބަރުންގެ ވޯޓުންނެވެ.

އެހެންކަމުން ކުރިއަށް އޮތް 90 ދުވަސް ތެރޭގައި ބިޓްކޮއިން އަކީ އެލް ސަލްވަޑޯގައި ލީގަލް ޓެންޑާއަކަށް ވެގެން ދާނެ އެވެ. އަދި އެއީ އެގޮތަށް ކްރިޕްޓޯކަރެންސީއެއް ބަލައިގަންނަ ފުރަތަމަ ގައުމަށް ވެގެން ދާނެ އެވެ.

"އެ [ބަދަލާ އެކު] މާލީ ހިދުމަތްތަކުގައި މީހުން ބައިވެރިވާ މިންވަރު އިތުރުވެ، އިންވެސްޓްމެންޓާއި ފަތުރުވެރިކަމާއި އުފެއްދުންތެރިކަމާއި އިގުތިސާދީ ކުރިއެރުން ގައުމަށް ލިބޭނެ،" ބުކެލޭ ވިދާޅުވި އެވެ.

އެލް ސަލްވަޑޯގެ އާބާދީގެ ގާތްގަނޑަކަށް 70 ޕަސެންޓު މީހުން ބޭންކް އެކައުންޓާއި ކްރެޑިޓް ކާޑު ބޭނުން ނުކުރެ އެވެ. އަދި އެގައުމުގެ ޖީޑީޕީގެ 20 ޕަސެންޓަށް ވުރެ ބޮޑު ބައެއް ބަރޯސާ ވެފައި ވަނީ ރެމިޓެންސް ފައިސާ ނުވަތަ ބޭރުގައި ދިރިއުޅޭ އެގައުމުގެ ރައްޔިތުން ފޮނުވާ ފައިސާއަށެވެ. އެ ފައިސާ ޓްރާންސްފާ ކުރާ ހިދުމަތްތަކުން އެކަމަށް ފީއެއް ނެގުމާއި ޓްރާންސްފާއަށް ދުވަސްތަކެއް ނެގުން ފަދަ މައްސަލަތައް މިހާރު ދިމާވާ ކަމަށް ބުކެލޭ ވިދާޅުވި އެވެ.

އެލް ސަލްވަޑޯގެ ދެ މިލިއަނަށް ވުރެ ގިނަ މީހުން ގައުމުން ބޭރުގައި ދިރިއުޅެ އެވެ. އަދި ކޮންމެ އަހަރަކު އެމީހުން ގައުމަށް ފޮނުވާ ފައިސާގެ އަދަދު ހަތަރު ބިލިއަން ޑޮލަރަށް އަރަ އެވެ.

ދުނިޔޭގެ ފުރަތަމަ ޑިޖިޓަލް ކަރަންސީ ކަމަށްވާ ބިޓްކޮއިން ބޭނުން ކުރަން ފެށީ 2009 ވަނަ އަހަރެވެ. ބިޓްކޮއިންގެ އަގު މިވަގުތު 35,181 އެމެރިކާ ޑޮލަރަށް އަރަ އެވެ.

comment ކޮމެންޓް