ބަންގަބޮންދު ގޯލްޑް ކަޕްގެ ސެމީފައިނަލް ދެވަނަ މެޗުގައި ނޭޕާލުގެ ނަވަޔުގް ޝްރެސްތާ ކާމިޔާބް ކުރި ހެޓްރިކާއި އެކު 4-1 ގެ ނަތީޖާ އަކުން ރާއްޖެ ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ނޭޕާލުން ހޯދައިފި އެވެ.
ޑާކާގެ ބަންގަބޮންދު ނޭޝަނަލް ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު އެ މެޗުގައި ނޭޕާލުން ވަނީ މޮޅު ކުޅުމެއް ދައްކައި އެ މުބާރާތުގައި ފެނިގެން ދިޔަ އެންމެ ތަފާތު ބޮޑު ނަތީޖާއިން ރާއްޖެ ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ހަސަން ނާއިޒް (ދާދު) އަށް ވަނީ ގޯލުޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަހުމަދު ނާޝިދު (ނާއްޓޭ) ނޭޕާލު ޕެނަލްޓީއޭރިއާ ތެރެއަށް ނަގައިދިން ހުރަސް ގޯލު ކުރިމަތީގައި ހުސްކޮށްހުރެ ދާދު ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ދަނޑި ކައިރިން ބޭރަށެވެ.
އެ މެޗުގައި ނޭޕާލަށް ރާއްޖޭގެ ގޯލު 30 ވަނަ މިނެޓްގައި ހުޅުވާލަ ދިނީ ނޭޕާލުން އުފެއްދި ކައުންޓަ އެޓޭކެއްގައި ޝްރެސްތާ އެވެ. އެގޮތުން ރާއްޖެއަށް ލިބުނު ކޯނަރެއްގައި ނޭޕާލު ކުޅުންތެރިން ބޯޅަ ހިފައިގެން ކުރިއަށް އަރައި ރާއްޖޭގެ ޕެނަލްޓީއޭރިއާ ރޮނގު މަތިން ބިލާލް ގަހަރިޓް މަގަރު ފޮނުވާލި ހަމަލާ ދަނޑިގައި ޖެހި އޭރިޔާތެރެއަށް ނުކުތްވަގުތު ފަހަތުން އެެރި ޝްރެސްތާ ވަނީ ފަސޭހަ ކަމާއި އެކު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
އެ ގޯލުގެ އިތުރުން ވެސް ޝްރެސްތާ އަށް ވަނީ ފުރަތަމަ ހާފްގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެެވެ. ރާއްޖޭގެ ހާފްތެރެއިން ޑިފެންޑަރު ސާއިފް އަތުން ބޯޅަ ހޯދުމަށް ފަހު ޝްރެސްތާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒުނެވެ ދަނޑި ކައިރިން ބޭރަށެވެ.
އެ މެޗުގެ ފުރަތަމަ ހާފްގައި ރާއްޖެއިން އުފެއްދި އެންމެ ނުރަކާތެރި ހަމަލާ އުފެއްދީ އިސްމާއިލް އީސަ އެވެ. އެގޮތުން ނޭޕާލު ޕެނަލްޓީ އޭރިއާ ރޮނގު މަތިން އީސަ ފޮނުވާލި ބާރު ހަމަލާ ނޭޕާލު ކީޕަރު ބިކޭޝް ވަނީ ހުށިޔާރު ކަމާއި އެކު ބޭރުކޮށްލާފައެވެ.
ދެވަނަ ހާފް ފެށިގޮތަށް ނޭޕާލް އިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދައިފައެވެ. އެގޮތުން ރާއްޖޭގެ ޕެނަލްޓީ އޭރިއާ ރޮނގު މަތީ ހުރެ ބިކްރަމް ލާމް ފޮނުވާލި ހަމަލާ ރާއްޖޭގެ އަލީ ސަމޫހް ފައިގަޖެހިފައި ގޯލު ހުރަސް ދަނޑިމަތިން ދިޔައީ ބޭރަށެވެ.
ނޭޕާލުން އެޓީމުގެ ދެވަނަ ގޯލު ކާމިޔާބު ކުރީ ރަބިން ޝްރެސްތާ ރާއްޖޭގެ އޭރިއާ ތެރެއަށް ހުރަސް ކޮށްލި ބޯޅައެއް ބިޝާލް ރާއި 52 ވަނަ މިނެޓްގައި ގޯލުގެ ތެރަށް ފޮނުވާލައިގެންނެވެ.
ދެވަނަ ގޯލުޖެހިތާ ނުވަ މިނެޓްފަހުން ފުރަތަމަ ގޯލު ކާމިޔާބް ކޮށްދިން ނަވަޔުގް ޝްރެސްތާ ވަނީ އިތުރު ގޯލެއް ޖަހައި ނޭޕާލަށް ލީޑް އިތުރަށް ފުޅާކޮށްދީފައެވެ.
އެ މެޗުގައި ރާއްޖެއަށް ސުން ކަނޑުވާލަ ދިން ގޯލު މެޗުގެ 76 ވަނަ މިނެޓްގައި ދާދު ތަނަވަސް ކޯށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ނާއްޓޭއެވެ.
އެ ގޯލަށް ފަހު ނާއްޓެ އާއި އަންސާރު އިބްރާހީމަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރު ވެގެންގޮސްފައެވެ.
މެޗުގައި ނޭޕާލުން އެ މީހުންގެ ފަހު ގޯލު މެޗު ނިމެނިކޮށް ޝްރެސްތާ ރާއްޖޭގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މިމުބާރާތުގައި ފެނިގެން ދިޔަ ފުރަތަމަ ހެޓްރިކް އޭނާ ވަނީ ފުރިހަމަ ކޮށްފައެވެ. ޝްރެސްތާގެ ހެޓްރިކާއި އެކު އޭނާ ވެގެން ގޮސްފައިވަނީ މުބާރާތުގެ އެންމެ ގިން ގޯލު ޖެހި ކުޅުންތެރިއާ އަށެވެ.
ފައިނަލް މެޗުގައި އަންނަ ހުކުރު ދުވަހު ނޭޕާލާއި ދެކޮޅަށް ނިކުންނާނީ ބަޚްރޭންގެ 23 އަހަރުން ދަށުގެ ޓީމެވެ. އެ މެޗު އޮންނާނީ 16:00 ގައި ޑާކާގެ ބަންގަބޮންދު ނޭޝަނަލް ސްޓޭޑިއަމްގައެވެ.