ލަންކާއިން ޑްރަގު މައްސަލައެއްގައި މަރަން ޙުކުމްކުރި ދިވެއްސެއް ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުން ހައްޔަރުކޮށްފި

މައްސަލައިގައި ހައްޔަރުކުރި ޔުގީތު އިބްރާހީމް- ފޮޓޯ: މިހާރު

ސްރީލަންކާގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މަރުގެ ހުކުމެއް ކޮށްފައި އޮއްވައި، އެ ގައުމުގެ އިސްތިއުނާފު ކޯޓުން އެ ހުކުމް ބާތިލުކޮށް މިނިވަންކުރި ދިވެއްސެއް، ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުން ހައްޔަރުކޮށްފިއެވެ.

ނޭޕާލްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ބުދަ ދުވަހުގެ މެންދުރު 1:00 ހާއިރު ކަތުމަންޑޫގެ ތަމެލް ސަރަޙައްދުގައި ހުންނަ ސްނޯލައިން ހޮޓަލުގެ ކޮޓަރިއެއް ފާސްކޮށް، ހައްޔަރުކުރީ ދިވެހި ފިރިހެނެއް ކަމަށްވާ ޢުމުރުން 41 އަހަރުގެ ޔުގީތު އިބްރާހީމާއި ނޭޕާލް އަންހެނެއް ކަމަށްވާ އުމުރުން 20 އަހަރުގެ ސްނޭހާ ރިމާލްއެވެ.

ޔުގީތު އިބްރާހީމް މަރަން ލަންކާގެ ނިގަމްބޯ ހައި ކޯޓުން 2018 ވަނަ އަހަރުގެ މެއި މަހު ހުކުމްކޮށްފައިވަނީ 1.296 ކިލޯގްރާމްގެ ހެރޮއިން އަތުލައިގަތް މައްސަލައެއްގައެވެ. ނަމަވެސް ލަންކާ ޖަލުގައި އަށް އަހަރު ހޭދަކުރި ފަހުން އިސްތިއުނާފު ކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުމުގައި ޤާނޫނީ އަދި އިޖުރާއީ ބޮޑެތި ގޯސްތަކެއް ހުރިކަން ފާހަގަކޮށް، ހެކީގެ ރައްކާތެރިކަން ގެއްލިފައިވުމާއި މުހިންމު ހެކިތައް ނެތުމުގެ ސަބަބުން އޭނާ ވަނީ މިނިވަންކޮށްފައެވެ.

ޔުގީތާއި ނޭޕާލް އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށުގައި---

ޔުގީތަކީ ބައިނަލްއަގުވާމީ ނެޓްވޯކްތަކާ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ.

ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން، ލައިންޗޯރު ޕޮލިސް ސާކަލްގެ ޓީމަކުން ހިންގި އޮޕަރޭޝަނެއްގައި، ޔުގީތާއި ސްނޭހާ ތިބި ކޮޓަރިން 5.05 މިލިއަން ނޭޕާލީ ރުޕީސް؛ ގާތްގަނޑަކަށް 526،750ރ. (ފަސް ލައްކަ ސައްބީސްހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ) އާއި، 4،215 އޮމާނީ ރިޔާލް؛ ގާތްގަނޑަކަށް 169،189ރ. (އެއްލައްކަ ފަސްދޮޅަސް ނުވަހާސް ސަތޭކަ އަށްޑިހަ ނުވަ ރުފިޔާ) ގެ އިތުރުން 55 ޔޫއޭއީ ދިރުހަމް (ގާތްގަނޑަކަށް 231ރ.) އަތުލައިގެންފައިވެއެވެ. މި ހުރިހާ ފައިސާއެއްގެ ޖުމްލަ އަގު ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 696،170ރ. (ހަލައްކަ ފަސްދޮޅަސް ނުވަހާސް ސަތޭކަ ހަތްދިހަ) އަށް އަރައެވެ.

މި މައްސަލައާ ގުޅޭގޮތުން ކަތުމަންޑޫ ޑިސްޓްރިކްޓް ޕޮލިސްގެ ތަރުޖަމާނު އެސްޕީ ދާން ބަހާދުރު ތާޕާ ވިދާޅުވި ގޮތުގައި، އެއީ ކައިވެނިކުރަން އުޅޭ ދެ މީހުން ކަމަށް ފުލުހުންގެ ގާތުގައި ބުނެފައިވެއެވެ. ނަމަވެސް، އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ލިބިފައި ނުވާކަމަށާއި އެހާ ގިނަ އަދަދެއްގެ ފައިސާ ހޯދި ސައްހަ ގޮތެއް އެ މީހުންނަށް ބުނެދެވިފައި ނުވާކަމަށް އެސްޕީ ދާން ބަހާދުރު ތާޕާ ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން މިހާރު ތިބީ ލައިންޗޯރު ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އަދި މިހާރު ކުރިއަށްދަނީ މަނީލޯންޑަރިންގެ ތުހުމަތުގައި އިތުރު ތަހުގީގުތައް ހިންގުމަށްޓަކައި އެ މައްސަލަ ނޭޕާލްގެ ޑިޕާޓްމަންޓް އޮފް މަނީލޯންޑަރިން އިންވެސްޓިގޭޝަނާ ހަވާލުކުރުމުގެ މަސައްކަތެވެ.

comment ކޮމެންޓް