މއ. ގޯލްޑަންބީމް ގެއިން ނުރައްކާތެރި ހަތިޔާރެއް ފެނުނު މައްސާލާގައި ދައުވާ އުފުލި ހ. ހިލްޓަން މުހައްމަދު އިންތިފް ރައޫފް ފުލުހުންގެ ބަންދަށް ބަދަލުކުރެވެން ނެތް ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން އެގޮތަށް އެދުމުން ގާޒީ ވިދާޅުވީ އިންތިފް ޝަރީއަތް ނިމެންދެން ގޭބަންދަށް އިއްޔެ ބަދަލުކުރީ ދައުލަތަށް ވެސް ފުރުސަތުދިނުމަށްފަހު ކަމަށެވެ. އެހެންކަމުން އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު ދައުލަތަށް އޮންނާނެ ކަމަށެވެ.
ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ މައްސަލަ ބައްލަވާ ފަނޑިޔާރު އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ ބަންދާމެދު ނިންމާ ނިންމުންތައް އިސްތިއުނާފު ނުކުރެވޭނެ ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައިކަމަށާއި ހައިކޯޓުން ނިންމާފައިވާގޮތުން އެފަދަ ނިންމުންތައް މައްސަލަ ބައްލަވާ ފަނޑިޔާރަށް މުރާޖާ ކުރެވޭނެ ކަމަށެވެ. އެހެންކަމުން އޭނާގެ ބަންދުގެ މައްސަލަ މުރާޖާ ކޮށްދިނުމަށް ދައުލަތުން އެދުނެވެ.
ގާޒީ ވިދާޅުވީ އެ މައްސަލާގައި ހުށަހަޅަންޖެހޭ އިތުރު ލިޔުންތައް ހުށަހެޅުމަށް ފަސް ދުވަހުގެ ފުރުސަތެއް ދައުލަތަށްދޭ ކަމަށާއި އޭގެފަހުން ބަންދުގެ މައްސަލަ މުރާޖާ ކުރަންޖެހިއްޖެނަމަ އެކަމަށް އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ އިއްޔެ ބަންދުގެ މުއްދަތު އިތުރުކުރީ މައްސަލަ ބައްލަވާ ގާޒީކަން ދައުލަތަށް ކުރިން އެނގިފައިނުވާ ކަމަށެވެ.
އިންތީފް ރައޫފްގެ ބައްޕަ މުހައްމަދު އަބްދުއްރައޫފް މިއަދު ސަން އަށް މައުލޫމާތު ދެމުން ބުނީ މއ. ގޯލްޑަންބީމް ގެއިން ފެނިފައި ވަނީ ވަޒަންލެއްވޭ ބަޑިއެއް ނޫން ކަމަށާއި އެއީ މިނާފުލް ލައްވާ ބަޑިއެއް ކަމަށް ފުލުހުން އިއްޔެ ބޭއްވި މުއްދަތު މަޖިލީހުގައި ބުނެފައިވާ ކަމަށެވެ. އަދި އިންތިފް ތަހުގީގަށް އެއްބާރުލުންދޭ ކަމަށް ވެސް ފުލުހުން އިއްޔެ ބުނި ކަމަށާއި ޝަރީއަތް ނިމެންދެން އޭނާ ގޭބަންދަށް ބަދަލުކުރީ އެ ހުރިހާ ކަމެއްގެ މައްޗަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.