ފާއިތުވި 12 އަހަރު ނުވާ ވަރަށް އެމެރިކާގެ ތެޔޮ އަގުހެޔޮވެއްޖެ

އެމެރިކާގެ ކޮލެރާޑޯ ސްޓޭޓްގެ ޑެންވާ ގައިވާ ތެޔޮވަޅެއް. ފޮޓޯ: ރޮއިޓާސް

ފާއިތުވި 12 އަހަރު ވެސް އަގުހެޔޮވެފައި ނުވާ މިންވަރަކަށް ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގުހެޔޮވެއްޖެ އެވެ.

ރޮއިޓާސް ބުނީ އެމެރިކާ އިން ސާފުކޮށްގެން ވިއްކާ ތެޔޮފީފާއެއް މިހާރު ވިއްކަމުން އަންނަނީ 30 ޑޮލަރަށް ކަމަށާއި މިއީ 12 އަހަރުގެ ތެރޭގައި މިހާ އަގުހެޔޮވި ފުރަތަމަ ފަހަރު ކަމަށެވެ.

ތެލުގެ އަގު މިހާ ހެޔޮ ވުމުން އެމެރިކާގެ ބައެއް ކުންފުނިތައް ވަނީ ވިޔަފާރި އިތުރަށް ކުރިއަށް ނުގެންދެވިދާނެ ކަމުގެ ބިރު ހީވެފަ އެވެ.

ތެޔޮ ފީފާއެއްގެ އަގު 30 ޑޮލަރާ ހަމައަށް ދަށަށް ދިޔައީ ފާއިތުވި ހަތް ދުވަހު، ކޮންމެ ދުވަހަކު ވެސް އަގު ހެޔޮވަމުން ދިއުމުންނެވެ. އެގޮތަށް އަގުހެޔޮވަމުން ދިޔަ މައިގަނޑު އެއް ސަބަބަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ތެލުގެ ބޭނުންކުރަމުން އަންނަ ގައުމުކަމަށްވާ ޗައިނާ އަށް ތެޔޮ ބޭނުންވާ މިންވަރު މަދުވުމުންނެވެ. އަދި އަނެއް ސަބަބަކީ ތެޔޮ އެކްސްޕޯޓްކުރާ ބޮޑެތި ގައުމުތަކުން، ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމެވެ.

ތެލުގެ އަގު ހެޔޮވަމުން އަންނަ އިރު ތެޔޮ އުފައްދާ ގައުމުތަކަށް ވަނީ އިގުތިސާދީ ބޮޑެތި މައްސަލަތައް ކުރިމަތިވެފަ އެވެ.

comment ކޮމެންޓް