ޓްރަމްޕަށް ދިން ހަމަލާ: ސީކްރެޓް ސާވިސްގެ ވެރިޔާ އިސްތިއުފާ ދެއްވައިފި

ސީކްރެޓް ސާވިސްގެ ޑިރެކްޓަރު ކިމްބާލީ ޗީޓްލް: ޓްރަމްޕަށް ދިން ހަމަލާއާ ގުޅިގެން އޭނާ ވަނީ އިސްތިއުފާ ދެއްވާފައި -- ފޮޓޯ/ ރޮއިޓާސް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ދިން ހަމަލާއާ ގުޅިގެން، އެގައުމުގެ ސިޔާސީ އިސް ފަރާތްތައް ހިމާޔަތް ކުރުމުގެ ޒިންމާ އޮންނަ ސީކްރެޓް ސާވިސްގެ ޑިރެކްޓަރު ކިމްބާލީ ޗީޓްލް އިސްތިއުފާ ދެއްވައިފިއެވެ.

އެސޯސިއޭޓެޑް ޕްރެސްގައިވާ ގޮތުން، މިއަދު ޗީޓްލް ވަނީ އޭނާ އިސްތިއުފާ ދެއްވަން ނިންމެވިކަން ސީކްރެޓް ސާވިސްގެ މުވައްޒަފުންނަށް އީމެއިލް މެދުވެރިކޮށް އަންގަވައިފައެވެ.

އެ އީމެއިލްގައި އޭނާ ވަނީ އެ މައްސަލައިގައި ސެކިއުރިޓީ ބެލެހެއްޓުމުގައި ފެއިލް ވެފައިވާތީ އެކަމުގެ ފުރިހަމަ ޒިންމާ ނަންގަވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޖޯ ބައިޑެން ވަނީ ޗީޓްލްގެ އިސްތިއުފާ ގަބޫލުކުރައްވައި އޭނާގެ ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސީކްރެޓް ސާވިސްއަށް އާ ޑިރެކްޓަރަކު ވަރަށް އަވަހަށް އައްޔަން ކުރައްވާނެ ކަމަށް ބައިޑެން ވިދާޅުވެފައިވެއެވެ.

މިމަހުގެ 13 ވަނަ ދުވަހު ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަން ހުންނަވަނިކޮށް ޓްރަމްޕަށް ބަޑިން ދިން ހަމަލާ އަމާޒުވީ ކަނާތް ފަރާތު ކަންފަތަށެވެ. އެ ހަމަލާ ދިން 20 އަހަރު ޒުވާނާ، ހަމަލާ ދިން ވަގުތު ސީކްރެޓް ސާވިސްއިން ވަނީ ބަޑި ޖަހައި މަރައިލައިފައެވެ.

އެ ހަމަލާއަށް ފަހު، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އަންނަނީ ޗީޓްލްގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. އެގޮތުން އެ މަޖިލީހުގެ އޯވާސައިޓް ކޮމިޓީއަށް އިއްޔެ އޭނާ ހާޒިރުކޮށް، ޓްރަމްޕްގެ ރެލީގައި އެޅި ފިޔަވަޅުތަކާ ގުޅޭ ގޮތުން މެންބަރުން ސުވާލުކުރިއެވެ.

އެ ކޮމިޓީގައި ޗީޓްލް ވަނީ ޓްރަމްޕްއަަށް އަމާޒުވި ހަމަލާއަކީ ސީކްރެޓް ސާވިސްގެ އެންމެ ބޮޑު އެއް ފެއިލްވުން ކަމަށް ވިދާޅުވެ، އެފަދަ ކަމެއް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށް ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

އަންނަ ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބަށް ޓްރަމްޕްގެ ކެމްޕެއިން ވަރުގަދަކުރައްވައިފައިވާއިރު، ރައީސް ބައިޑެން ވަނީ ރިޔާސީ ރޭހުން ވަކިވެވަޑައިގެންފައެވެ.

ބައިޑެންގެ ބަދަލުގައި، ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ ނައިބު ރައީސް ކަމަލާ ހެރިސް އެވެ.

comment ކޮމެންޓް