ސްކޫލްތަކުގެ ކިޔެވުން ފަށާނީ މި މަހު 13 ވާ ބުދަ ދުވަހު: އެޑިއުކޭޝަން

ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންތަކެއް: މިފަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ ޖެނުއަރީ 13 ވާ ބުދަދުވަހު -- ސަން ފައިލް ފޮޓޯ

ކުރިއަށްއޮތް ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް ޖެނުއަރީ 13 ވާ ބުދަ ދުވަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

މިފަހަރު ސްކޫލްތައް ހުޅުވާ ދުވަސް ބަދަލުކޮށްފި ކަމަށް އާންމުގެ ތެރޭގައި ދެކެވެމުންދާ ވާހަކަތަކުގެ ހަގީގަތް އޮޅުން ފިލުވާލުމަށް ސަންއިން ކުރި ސުވާލުގެ ޖަވާބުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ޝެރީނާ އަބްދުއް ޞަމަދު ވިދާޅުވީ، ސްކޫލްތައް ހުޅުވާން ކުރިން ހަމަޖެހިފައިވާ ދުވަހަށް އަދި ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ.

"އެއީ ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން. ސްކޫލްތަކުގެ ކިޔެވުން ފަށާނީ ހަމަ ކުރިން ވެސް ހަމަޖެހިފައި ވާގޮތަށް ޖެނުއަރީ 13ގައި،" ޝެރީ ވިދާޅުވި އެވެ.

މީގެ ކުރީން އާންމުކޮށް ދިރާސީ އަހަރު ފަށާފައި ވަނީ، ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުގެ ދެ ވަނަ އާދީއްތަ ދުވަހު އެވެ. ނަމަވެސް މި ފަހަރު ކިޔެވުން ފަށަނީ ބުދަ ދުވަހަކު އެވެ.

ސްކޫލްތައް ހުޅުވެންވާއިރަށް، ދަރިވަރުންނަށް ބޭނުންވާ ޓެކްސްފޮތްތައް ހަމައަށް ލިބޭނެތޯ ސުވާލުކުރުމުން، އެކަން ހަމަޖެހިގެން ދާނޭކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޕްލޭނިން ސެކްޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ. އެގޮތުން، މިއަދުގެ ނިޔަލަށް ދަރިވަރުންނަށް ބޭނުންވާ ފޮތްތަކުގެ 90 އިންސައްތަ ފޮތް، ސްކޫލްތަކާ ހަވާލުކުރެވިފައިވާ ކަމަށާއި ބާކީ ހުރި ފޮތްތައް ވެސް ދެ ދުވަހެއްގެތެރޭގައި ސްކޫލްތަކާ ހަވާލުކުރެވޭނޭ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

"ދަރިވަރުންނަށް ބޭނުންވާ ގިނަ ފޮތްތައް މިހާރުވާނީ ސްކޫލްތަކާ ހަވާލުކޮށްފައި. ގާތްގަނޑަކަށް 10 ވަރަކަށް ޕަސެންޓް ފޮތް މިހާރު ހަވާލުނުކުރެވި ހުރީ. އޭގެ ތެރޭގައި ވެސް ގިނަވާނީ، ސިލަބަސް ފޮތްތަކާއި ޓީޗަރުންގެ އަތްމަތީފޮތްތައް. ބާކީ ހުރިފޮތްތައްވެސް އިރާދަކުރެއްވިއްޔާ މާދަމާ ސްކޫލްތަކަށް ފޮނުވޭނެ. މިހާރު އަޅުގަނޑުމެން ވާނީ، ފޮތްތައް ފޮނުވާންކުރަންޖެހޭ ހުރިހާ ކަމެއް އިންތިޒާމްކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.

comment ކޮމެންޓް