ތުއްތު ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރު ކުރުމަށް ދެ ޕްރޮގްރާމެއް ބާއްވައިފި

ސްކިލްސް ޓްރެއިނިން ޕްރޮގްރާމް އާއި "ދަ މީ" ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު

ތުއްތު ކުދިންގެ ހިތްވަރު އާކޮށް އެކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރު ކުރުމަށްޓަކައި "ސްކިލްސް ޓްރެއިނިން އިންސްޓިޓިއުޓް" އިން ދެ ޕްރޮގްރާމެއް ބާއްވައިފި އެވެ.

އުމުރުން ތިން އަހަރާއި 13 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އެ ދެ ޕްރޮގްރާމް ވަނީ މިއަދު ނިންމާލާފައެވެ. އެގޮތުން ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

އެ ޕްރޮގްރާމް އިންތިޒާމުކުރި ސްކިލްސް ޓްރެއިނިން ސެންޓަރުގެ ފައުންޑަރު އިމްނާ ފާޚިރު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ދެ ޕްރޮގްރާމަކީ "ސްކިލް ޓްރެއިނިން" ޕްރޮގްރާމާއި "ދަ މީ" ޕްރޮގްރާމް ކަމަށެވެ.

"މި ދެ ޕްރޮގްރާމްގެ މައިގަނޑު މަސައްކަތަކީ ދަރިވަރުންގެ ކޮންފިޑެންސް އިތުރު ކުރުމަށް މަސައްކަތްކުރުން. މިއަދު އެޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފައިވަނީ. އެގޮތުން އެ ޕްރޮގްރާމްތަކުގައި ޖުމްލަ 70 ވަރަކަށް ކުދިން ވަނީ ބައިވެރި ވެފައި،" އިމްނާ ވިދާޅުވިއެވެ.

ހިރިޔާ ސްކޫލުގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ޕްރޮގްރާމްގެ ތެރެއިން--- ފޮޓޯ: ސްކިލްސް ޓްރެއިނިން ސެންޓަރު

އެ ޕްރޮގްރާމްގައި ކުދިންގެ ހިތްވަރު އިތުރަށް ވަރުގަދަ ކުރުމަށް އިންޑޯ އަދި އައުޓްޑޯ ގިނަ ހަރަކާތްތަކެއް ބާއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިމްނާ ވިދާޅުވީ، އެ ޕްރޮގްރާމަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އަމިއްލައަށް ވަކި ފީއެއް ދައްކައިގެން ކުރިއަށް ގެންދާ ޕްރޮގްރާމްތަކެއް ކަމަށެވެ.

ނިމިގެން ދިޔަ އެ ޕްރޮގްރާމްގައި ހާއްސަ އެހީއަށް ބޭނުންވާ ފަސް ކުއްޖަކުވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން އެއިން އެއްވެސް ކުއްޖަކަށް ޕްރޮގްރާމްއިން އެއްވެސް ފީއެއް ނަގާފައި ނުވާނެ ކަމަށް އިމްނާ ވިދާޅުވިއެވެ.

ސްކިލްސް ޓްރެއިނިން ޕްރޮގްރާމް އާއި "ދަ މީ" ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި އައިޝަތު ރަފިއްޔާ ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: އަލީ ނަސީރު

ޕްރޮގްރާމް ނިންމުމަށް ހިރިޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން، އެމްޑީއޭގެ ނައިބު ލީޑަރު އައިޝަތު ރަފިއްޔާ ވިދާޅުވީ، ކުއްޖަކު ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމުގެ ބާރު އޮންނާނީ ބެލެނިވެރިންގެ އަތުގައި ކަމަށެވެ.

އެހެންކަމުން އެކުއްޖާގެ ތުއްތު އުމުރަކީ ވަރަށް މުހިއްމު އަހަރުތަކެއް ކަމަށާއި ތިން އަހަރާއި ހަ އަހަރާ ދެމެދު އެ ކުދިންނަށް ރަނގަޅު އާދަތަކެއް ދަސްކޮށްދޭން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް