ކުޑަކުއްޖަކު ބަލިވެއިން ކަމަށް ބުނެ ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ގއ. އަތޮޅުގެ ރަށެއްގައެވެ. މިއީ ކުޑަކުއްޖަކު ހިމެނޭ މައްސަލައެއް ކަމުން އެ ރަށެއް ނުބުނެއެވެ.
މި ހާދިސާ ހިނގި ގޮތް ހިއްސާކުރަމުން މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ގުރޭޑް އަށެއްގައި ތައުލީމު ހާސިލުކުރަމުން އައި އަންހެން ކުއްޖަކު ސްކޫލު ކެންޓީނުން ހެދިކާ ކައިގެން ހޮޑުލާ މަންޒަރު ފެނިގެން ސްކޫލުގައި އުޅުނު ދެ ކުއްޖަކު ކަމުގެ ހަގީގަތް އޮޅުވައިލީ ކަމަށެވެ.
އެ ގޮތުން، އަންހެން ކުއްޖާ ބަލިވެއިން ކަމަށް ބުނެ މުޅި ރަށުގައި ވާހަކަދެއްކި ކަމަށް އެ މީހާ ބުންޏެވެ.
އެންމެ ފަހުން ސްކޫލުގެ ބެލެނިވެރިން މައްސަލަ ޖައްސައިގެން އެ މައްސަލަ ޖެންޑާ މިނިސްޓްރީން ވެސް ވަނީ ބަލައިފައެވެ. އެ ގޮތުން، އެ ރަށުގައި ތިބި ޖެންޑާ މިނިސްޓްރީގެ މީހުންގެ ހާޒިރުގައި ބަލިވެއިންތޯ ބަލަން ހޮސްޕިޓަލުން ޓެސްޓު ހެދި ކަމަށް ވެސް އެ މީހާ އެކްސްގައި ބުނެފައިވެއެވެ.
އެކަމަކު، ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން އެނގުނީ އެ އަންހެން ކުއްޖާ އިނީ ބަލިވެ ނޫން ކަމެވެ.
އެ ހާދިސާއާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ، އެ މައްސަލައިގައި މަސްލަހަތު ހިމެނޭ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޔަގީންކޮށްދިނުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
"ކުޑަކުދިންނާ މެދު އެ ކުދިންގެ ރައްކާތެރިކަމާއި ދިރިއުޅޭ މާޙައުލުގެ އުފާވެރިކަން ގެއްލޭ ޒާތުގެ ވާހަކަ ދެއްކުމާއި ކަންކަން އެއްވެސް ފަރާތަކުން ނުކުރެއްވުން އެދެން،" ޝިފާން ވިދާޅުވިއެވެ.
މި ހާދިސާގައި އަނިޔާ ލިބުނު އަންހެން ކުއްޖާއަށް ނަފުސާނީ ގޮތުން އެތައް ގެއްލުމެއްވެފައިވާ ކަމަށް މި ހާދިސާގެ މައުލޫމާތު ހިއްސާކުރި މީހާ ބުނެފައިވެއެވެ.