ޣައްޒާގެ ކުދިން ފެނާއި ކާނާ އުފުލުމުގައި ދުވާލަކު އަށް ގަޑިއިރު ހޭދަކުރޭ

ފެނާއި ކާބޯތަކެތި އުފުލުމުގައި ޣައްޒާގެ ކުޑަކުދިން -- ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

ފެނާއި ކާބޯތަކެތި އުފުލުމުގައި ޣައްޒާގެ ކުޑަކުދިން ދުވާލަކު އަށް ގަޑިއިރު ހޭދަކުރާ ކަމަށް އދ.އިން ބުނެފިއެވެ.

"ޣައްޒާގެ ކުދިންނަށް ދުވާލަކު 6-8 ގަޑިއިރު ފެން އަދި ކާނާ އެއްކުރުމުގައި ހޭދަކުރެވޭނެ، ގިނަ ފަހަރަށް ބަރު އެއްޗެހި އުފުލައިގެން ދުރު ހިސާބުތަކަށް ހިނގަން ޖެހޭ،" އދ.އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

"ސާފުތާހިރުކަމާއި ސާފުކުރެވޭނެ ގޮތެއް ނެތުމުން ގިނަ އާއިލާތަކުން ދޮވެ ސާފުކުރުމާއި، ބޯން ވެސް ބަރޯސާވެފައިވަނީ ކަނޑު ލޮނު ފެނަށް،"

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ލާއިންސާނީ އުދުވާނީ ހަމަލާތައް މިހާރުން މިހާރަށް ހުއްޓައިލުމަށް އދ.އިން ފާސްކުރި ގަރާރަށް އިސްރާއީލުން ވަނީ ގޮންޖަހާފައެވެ. ހަމަލާތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުން އިސްރާއީލަށް އަމާޒުވެފައިވާއިރު ވެސް އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިފެން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އެ މީހުން ދެމުންގެންދާ ހަމަލާތައް އަދިވެސް އަންނަނީ ވަރުގަދަ ކުރަމުންނެވެ.

ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 38،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައިވާއިރު، ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އޭގެ އިތުރުން، 87،700 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފައިވާ ކަމަށް ވެސް ފަލަސްތީނުގެ ސިއްޚީ ވުޒާރާއިން ހާމަކުރެއެވެ.

ހަނގުރާމައަށް ގާތްގަނޑަކަށް ނުވަ މަސް ދުވަސް ވެފައިވާއިރު، ޣައްޒާގެ އާންމުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސް ވެސް ލިބޭނެ ގޮތެއް ނެތެވެ.

އިސްރާއީލުން ޣައްޒާއަށްދޭ ހަމަލާތަކަކީ ނަސްލު ނައްތާލުމުގެ މަގުސަދުގައި ދޭ ހަމަލާތަކެއް ކަމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)އިން ވަނީ ބުނެފައެވެ. އަދި، އެ ކޯޓުން އެންމެ ފަހުން އަމުރުކޮށްފައިވަނީ އިސްރާއީލުގެ ޣައްޒާގެ ރަފަހަށް ދޭ ހަމަލާތައް މިހާރުން މިހާރަށް ހުއްޓައިލުމަށެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު އިސްރާއީލުން ރަފަހަށް އަރައިގަތުމުގެ ކުރިން އެ ސަރަހައްދަކީ މިލިއަނަކަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ހަނގުރާމައިން ހިމާޔަތް ހޯދައިގެން ތިބި ސަރަހައްދެކެވެ.

comment ކޮމެންޓް