އަނިޔާއަށް ކެތްކުރުމަކީ ހެދޭ ބޮޑު ގޯހެއް!

ރުޅިއަންނަ ކޮންމެ ފަހަރަކު ގޭތެރޭ ގެންގުޅޭ ތަކެތި އަނބިމީހާގެ ކުރިމަތީގައި އުކާލައި ރަހުމުކުޑަ ބަސްތަކުން މުއާމަލާތްކޮށް އުޅުމަކީ ބައެއް ފިރިހެނުންގެ އާދަ އެވެ. ކަމުގެ ދެކޮޅު ބަލާނުލައި ތިމާގެ ބާރުދެއްކުމަށް އަނބިމީހާ އަށް އަނިޔާކޮށް ބޭޒާރު ކުރުމަކީ ވެސް ހަމަ އެތައް ފިރިހެނުންގެ އާދައެވެ. ކާން އިންނަ ތައްޓަށް ވެލި އެޅުމާއި ދަރިން ކުރިމަތީގައި އަނބިމީހާ ބޭޒާރު ކުރުމަކީ ވެސް ހަމަ އެތައް ފިރިހެނުންގެ އާދައެވެ. ދުވަހަކުން ދުވަހަކަށް މިދަނީ އެފަދަ ލާއިންސާނީ އަމަލުތައް އިތުރުވަމުންނެވެ. މިއީ އަންހެނުން އެއަނިޔާތަކާ ދުރަށް ދާން ޖެހޭ ވަގުތެވެ.

އަނިޔާއަށް ކެތްކުރުމުގެ ނަތީޖާއަކަށް އެތައް ހިތާމަވެރި ހާދިސާތަކެއް މިއަދުގެ މުޖުތަމައުގައި އެދަނީ ހިނގަމުންނެވެ. ގިނަ އަންހެނުންނަށް ހެދޭ އެންމެ ބޮޑު ގޯހަކީ އަނިޔާއަށް ކެތްކުރުމެވެ. އެއީ ހެދޭ ވަރަށް ވެސް ބޮޑު ގޯހެކެވެ. އަނިޔާއަށް ކެތް ނުކުރާށެވެ. މަޖުބޫރީތަކެއް ހުރި ނަމަވެސް އެކަމުން މިންޖުވާން ފިޔަވަޅު އަޅާށެވެ. ދާއިމީ ހައްލަކީ އެއީ އެވެ.

އަނިޔާގެ ފެށުމަކީ ކޮބާ؟

ފިރިމީހާގެ ފަރާތުން ފެންނަ ނުކިއްސަރު ކަންތައްތަކަށް އަނބިމީހާގެ ހިތްހަމަނުޖެހޭކަން ފާޅުކުރާ ހިސާބު މިއީ އަނިޔާގެ ފެށުމަށް ވަނީ ވެފަ އެވެ. ނުވަތަ ދަރިޔަކު ލިބި އަންހެން މީހާގެ ޒުވާންކަން ދާ ހިސާބަކީ ވެސް ބައެއް ފަހަރު އަނިޔާގެ ފެށުމެކެވެ. ނަތީޖާ އަކަށް ވަނީ ފިރިމީހާގެ ރަހުމު ކުޑަ އަނިޔާތަކެވެ.

ހަޔާތް ބަދަލުވި އެވެ. އޭރު ލޯބިން ފިރުމި އިސްތަށިގަނޑަކީ އަނިޔާވެރިކޮށް ހިފާ އެއްޗަކަށްވި އެވެ. ގޭގައި ގެންގުޅޭ އިސްތިރިން ފެށިގެންގޮސް ކުނިކަހާއި ފިހިގަނޑަކީ ވެސް ފިރިމީހާ އަނބިންނަށް އަނިޔާ ކުރަން ބޭނުން ކުރާ ހަތިޔާރަށްވި އެވެ. ކޮޅުފައިންނާއި އަތުން އެތައް ޖިސްމާނީ އަނިޔާއެއް ދެނީ އެވެ. ރަހުމު ކުޑަ "ހުތުރު" ބަސްތަކުން ނަފްސާނީ އަނިޔާތައް ދެމުންގެންދަނީ ހިޔާލެއް ފިކުރެއްނެތި އެވެ.

ގެވެށި އަނިޔާއަކީ ކޮބާ؟

ގެވެށި އަނިޔާ އަކީ ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު އެގުޅުމުގައި ހިމެނޭ އަނެކާގެ ނުވަތަ އަނެކުންގެ މައްޗަށް ކުރާ އަނިޔާ އެވެ. މީގައި އަންހެނެއް ފިރިހެނެއް، ކުޑަކުއްޖެއް ދުވަސްވީ މީހެއް އިސްތިސްނާއެއް ނުވެ އެވެ.

ގެވެށި އަނިޔާ އަކީ ހަމައެކަނި ޖިސްމާނީ ގޮތުން ލިބޭ އަނިޔާއެއް ނޫނެވެ. ނަފްސާނީ ގޮތުންނާއި ޖިންސީ ގޮތުން ދެވޭ އަނިޔާ ވެސް ގެވެށި އަނިޔާގެ ތެރޭގައި ހިމެނޭނެ އެވެ. ބިރުދެއްކުމާއި މާލީ ގޮތުން ދަތި ކުރުން ފަދަ އެތައް ކަމެއް ގެވެށި އަނިޔާގެ ތެރޭގައި ބެލެވޭނެ އެވެ. ގެވެށި އަނިޔާއަކީ ޤާނޫނީ ކުށެކެވެ.

އަނިޔާއަށް ކެތް ކުރެވެނީ މަޖުބޫރީތަކެއްގެ ސަބަބުން!

ގެވެށި އަނިޔާ ލިބިފައިވާ މީހުންނާއި ވާހަކަ ދައްކާލުމުން އެނގޭގޮތުގައި އެ އަނިޔާވެރިކަން ތަހަމަލުކޮށްކޮށް އެމީހުން އެ ގޮތުގައި ތިބެން ޖެހެނީ ގިނަ މަޖުބޫރީ ހާލަތްތަކަކާ ހުރެ އެވެ. އޭގެ ތެރޭގައި ދާނެ އިތުރު ތަނެއް ނެތުމާއި ދަރިންގެ ހައްގުގަޔާއި ދެން ދިރިއުޅޭނެ އިތުރު ގޮތެއް ފެންނަން ނެތުން ފަދަ މަޖުބޫރީތައް ހިމެނެ އެވެ. ނަމަވެސް ބުއްދިވެރިގޮތަކީ އެފަދަ އަމަލުތަކުން ސަލާމަތް ވުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށައެޅުމެވެ. އެންމެ ދުވަހަކަށް ވެސް އަނިޔާއަށް ކެތްކުރުމަކީ ބޭކާރު ކަމެކެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސް އައިމިނަތު އީނާސް ވިދާޅުވާ ގޮތުގައި އަނިޔާ ކުރާ މީހެއްގެ ކައިރިން ސަލާމަތްވާން ވަރަށް ހިތްވަރު ވެސް ގަދަވާންޖެހެ އެވެ. އަނިޔާކެތްކޮށް ހުރުމަށް ވުރެ އަވަހަށް ފިޔަވަޅު އެޅުމަށް އީނާސް އެދިވަޑައިގަތެވެ.

"ހީ ނުކުރާތީ މިއީ ނިމުމޭ. މީހަކު މަގޭ ހަޔާތަށް އައިސްފިއޭ ދެން ހަމަ ހުންނަންށޭ ޖެހޭނީ. އަބަދުވެސް ޖެހޭނެ ކުރިއަށްދާން. އެމީހަކާ ދުރުވިޔަސް އެއީ ވަރަށް އުނދަގޫވާ ހިތާމަވެރި ކުޑަ ވަގުތުކޮޅަކަށްވެދާނެ. އެކަމަކު އެބަޖެހޭ ވަރަށް ހިތްވަރުކޮށްފައި ވެސް އަނިޔާކޮށް ތަޅާ ހަދާ މީހުން ނުވަތަ ލަދުގަންނަވާ ދަށް ކޮށްލާ މީހުންނާ ދުރުވާން." އީނާސް ވިދާޅުވި އެވެ.

އަނިޔާއިން ސަލާމަތްވާނީ ކިހިނެއް؟

ގެވެށި އަނިޔާއާއި ޖިންސީ އަނިޔާތައް ލިބެމުންދާ ފަރާތްތަކަށް އެކަންކަމުން ސަލާމަތްވުމަށް ގާނޫނީގޮތުން އެތައް ބާރެއް ވަނީ ލިބިދީފަ އެވެ. އަނިޔާ ކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތައް ވެސް ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް މިއަދު މުޖުތަމައު އެކަމަށް އެހާ ހޭލުންތެރިއެއް ނޫނެވެ. އަނިޔާގެ އަމަލުތައް ހިންގުމުގެ ފުރުސަތު ދެވެނީ ވެސް އެހެންވެ އެވެ.

ގެވެށިއަނިޔާ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ ވީހާވެސް އަވަހަކަށް ކަމާ ގުޅުންހުރި އިދާރާތަކަށް އެކަން ރިޕޯޓްކުރުމަށް ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގައި ބުނެފައިވެ އެވެ. ރިޕޯޓް ކުރަން ބޭނުންވާ ފަރާތްތަކުން ފުލުހުންގެ ހޮޓްލައިން 119 ނުވަތަ ޖެންޑާ މިނިސްޓްރީގެ ހޮޓްލައިން 1412 އަށް ގުޅުމުން އެމުއައްސަސާއަކުން އެމައްސަލައެއް ބަލަން ފަށާނެ އެވެ. މިއީ ހަމައެކަނި އަނިޔާ ތަހައްމަލު ކުރާ މީހުންގެ ޒިންމާއެއް ނޫނެވެ. އެހެން މީހަކަށް އަނިޔާ ލިބޭކަން އެނގޭ ނަމަވެސް، އަވަހަށް ރިޕޯޓު ކުރާށެވެ.

ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓްކުރަން އަންހެނުން ފަސްޖެހޭ އަނެއް ސަބަބަކަށް ވެފައި އޮންނަނީ އެމައްސަލަ ހުށައެޅުމުން ދެން އިތުރުވެދާނެ އަނިޔާއަށް ވިސްނައިގެންނެވެ. ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާ ލިބޭ ފަރާތްތަކުން އެމައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށައެޅުމުން އަނިޔާ ލިބިގެންދާ މީހާއަށް ރައްކާތެރިކަން ލިބޭގޮތަށް އެފަދަ މައްސަލަތައް ތަހުގީގް ކުރުމުގެ ބާރު ލިބޭ ގޮތަށް ގާނޫނުތައް ވަނީ ފަރުމާ ކުރެވިފަ އެވެ. އެގޮތުން ރައްކާތެރިކަމުގެ އަމުރު ހޯދައި އަންހެންމީހާއަށް ރައްކާތެރިވުމުގެ ފުރުސަތު ލިބިގެންދެ އެވެ. އެހެންކަމުން ދާއިމީ ހައްލަކަށް ވެގެންދާނީ އެފަދަ މައްސަލަތައް ސިއްރު ނުކޮށް ކަމާބެހޭ އިދާރާތަކަށް ހުށައެޅުމެވެ.

ޖެންޑާ މިނިސްޓްރީގެ ކޯޑިނޭޓަރު އައިމިނަތު ނާދިރާ ވިދާޅުވި ގޮތުގައި އެފަދަ އަނިޔާއެއް ލިބެމުންދާ މީހެއް ނަމަ ކުރަންޖެހޭ ކަމަކީ ކަމާ ބެހޭ ފަރާތްތަކަށް އެމައްސަލަ ހުށައެޅުމެވެ. ހިލޭ ގުޅޭ ނަމްބަރު 1412 އަށް ގުޅައިގެން ނުވަތަ އެނޫންވެސް ގޮތަކަށް ޖެންޑާއަށް އެފަދަ މައްސަލައެއް ހުށައަޅައިފި ނަމަ ކަމާބެހޭ އިދާރާތަކުން އެމައްސަލަ ތަހުގީގްކޮށް ބަލާނެ ކަމަށް ނާދިރާ ވިދާޅުވި އެވެ.

މައްސަލަ ރިޕޯޓް ކުރަންވީ މުހިންމު ނަންބަރުތައް:

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް:9790163 / 3331510

މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ހިއުމަން ރައިޓްސް ގެ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ:3328393

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ފެމިލީ ޕްރޮޓެކްޝަން ޔުނިޓް:3335147

އަނިޔާވެރިކަން ދަނީ އިތުރުވަމުން!

ރާއްޖޭގައި ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދުގެ ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކު ބުނެފައި ވަނީ، އެމީހުންގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ޖިންސީ އަދި ޖިސްމާނީ އަނިޔާއާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އެ އުމުރު ފުރައިގެ ކޮންމެ ފަސް އަންހެނަކުން އެކަކު ބުނެފައި ވަނީ އެމީހުންގެ ބައިވެރިޔާ ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށެވެ. ހަމަ އެ ދިރާސާއިން އެނގުނު ގޮތުގައި 15 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން މާބަނޑުވި 6.3 ޕަސަންޓު އަންހެނުން އެމީހުން ބަލިވެއިން ދުވަސްވަރު ބަނޑުގައި ކޮޅުފައިން ޖެހުން ފަދަ ތަފާތު އަނިޔާތަކުގެ ޝިކާރައަކަށް ވެފައިވެ އެވެ.

މިދިޔަ އަހަރު ފުލުހުންނަށް ހުށައެޅުނު މައްސަލަތަކަށް ބަލާއިރު ވެސް ގެވެށި އަނިޔާގެ މައްސަލަތައް ވަނީ އާދަޔާ ހިލާފަށް އިތުރުވެފަ އެވެ. ވޭތުވެދިޔަ 2014 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅުނު ގެވެށިއަނިޔާގެ މައްސަލަތަކުގެ އަދަދަކީ 186 އެކެވެ. ނަމަވެސް އޭގެ ދެގުނައަށް 2015 ވަނަ އަހަރު ހުށަހެޅުނު ގެވެށިއަނިޔާގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. އެއީ 338 މައްސަލަ އެވެ.

އޭގެއިތުރުން ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތައް ވެސް 2014 ވަނަ އަހަރާ އަޅާ ބަލާއިރު 2015 ވަނަ އަހަރު ވަނީ އިތުރުވެފަ އެވެ. ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2014 ވަނަ އަހަރު ހުށަހެޅުނު ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތަކުގެ އަދަދަކީ 476 އެކެވެ. އަދި 2015 އަހަރު އެއަދަދު އެޅެނީ 531 ގައެވެ.

އިސްވެ ފާހަގަ ކުރި ސަބަބުތަކަށް ބަލާއިރު އެކި ފެންވަރުގައި ގެވެށި އަނިޔާ ލިެބމުންދާ އަންހެނުން ރާއްޖޭގައި ގިނަކަން ފާހަގަވެ އެވެ. އެފަދަ މައްސަލަތައް މިހާއިތުރުވެގެންދާ މައިގަނޑު ސަބަބަކަށް ވެފައިވަނީ އެފަދަ އަނިޔާތައް ސިއްރު ކުރެވިފައިވުމެވެ. އެއީ އަންހެންވެރިންނަށް ހެދޭ އެންމެ ބޮޑު ގޯހެވެ. އަނިޔާއަށް ކެތް ނުކުރާށެވެ. އަވަހަށް އެމައްސަލަ ހުށައަޅައި ހައްލު ހޯދާށެވެ.

comment ކޮމެންޓް