ފަނޑިޔަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ރެހެންދި ފްލެޓު ދިނުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

އަމީނީމަގުގައި ގާއިމްކޮށްފައިވާ "ރެހެންދި" ފްލެޓު -- ސަން ފޮޓޯ: އަލީ ނަސީރު

އަމީނީމަގުގައި ހުންންނަ ރެހެންދި ފްލެޓުތަކުން ފަނޑިޔާރުންނަށާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ޕްލެޓުތައް ދޫކުރުމުގައި ސަރުކާރުން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އެ މައްސަލައިގެ ތަހުގީގަށްފަހު މިއަދު އޭސީސީން އާންމުކުރި ރިޕޯޓުގައި ވަނީ ރެހެންދި ފްލެޓު ބަރިތަކުން ސަރުކާރަށް ލިބޭ ފްލެޓުތަކުގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ފުލެޓު ގަތުމުގެ ފުރުސަތު ދީފައިވަނީ މާލޭގައި އެމީހެއްގެ ނަމުގައި އެއްވެސް ބިމެއްނެތް އަދި އާއިލާގެ ފަރާތުންވެސް މާލޭގައި ބިމެއް ލިބުމުގެ ފުރުސަތު ތަނަވަސްވެފައިނުވާ ބޭފުޅުންނަށް އެކަނި ކަމަށެވެ.

ރެހެންދި ފްލެޓްތަކުން އެޕާޓްމަންޓް ގަތުމުގެ ފުރުސަތު ދީފައިވަނީ އެބޭފުޅުން ފަރުދީ ހައިސިއްޔަތުން ފުލެޓަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކާ ގޮތަށް ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

އެ ފުލެޓުތައް ވިއްކާފައި ވަނީ 1,600,00.00 ރުފިޔާއަށް ކަމުގައިވާއިރު، އެބޭފުޅުންނަށް ފުލެޓު ވިއްކާފައި ވަނީ ސަރުކާރަށް ފުލެޓެއް ލިބިފައިވާ އަގަށްވުރެ 66،1370 ރުފިޔާ ބޮޑުކޮށް ކަމަށްވެސް އޭސީސީގެ ރިޕޯޓުގައި ވެއެވެ.

"އެކަންތައްތަކަށް ބަލާއިރު، މި މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު ގައި ބުނާފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމަށް ފާހަގަކުރެވިފައިނުވާތީ، މި މައްސަލައަކީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ކޮރަޕްޝަންގެ ކުށެއް ހިމެނިފައިނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި، މިކޮމިޝަނުން މި މައްސަލަ ވަނީ ނިންމާފައެވެ." އޭސީސީގެ ރިޕޯޓުގައި ވެއެވެ.

އޭސީސީގެ ރިޕޯޓުގައި ވަނީ ރެހެންދި ފުލެޓުތައް ދީފައި ވަނީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމަށް ތުހުމަތު ކުރަމުން ދިޔައީ އެ ކަމުގައި ސަރުކާރުން އަމަލުކޮށްފައި ވާ ގޮތް ހާމަކަން ބޮޑުގޮތެއްގައި ރައްޔިތުންނާ ހިއްސާކޮށްފައި ނުވާތީކަމަށް ތަހުގީގުން ފާހަގަކުރެވުނު ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތަނުގައި އެފަދަ ކަންތައްތަކުގައި ސަރުކާރުން އަމަލުކުރަން ނިންމާ އުސޫލުތައް ވީހާވެސް ތަފްސީލުކޮށް ރައްޔިތުންނަށް ހާމަކުރުމަށާއި، އަދި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޕްރޮސެސް ނިންމި ގޮތުގެ ތަފްސީލީ މައުލޫމާތު ހާމަކުރުމަށް ރައީސް އޮފީހަށް އަންގާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އަމީނީމަގުގައި ގާއިމްކޮށްފައިވާ "ރެހެންދި" ފްލެޓުން ސަރުކާރަށް ލިބިފައިވާ ފްލެޓުތައް ދޫކޮށްފައިވާ ބޭފުޅުންނަކީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސްއޭޝަން ޔަޒީދު މުހައްމަދާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އެވެ.

comment ކޮމެންޓް