ރެހެންދި ފްލެޓުގައި އުޅުމަކީ ކޮރަޕްޝަން ކަމަށް ގަބޫލެއް ނުކުރަން: ޖިހާދު

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރެހެންދި ފްލެޓުގައި ދިރިއުޅުއްވުމަކީ ކޮރަޕްޝަނުގެ އަމަލެއްކަމަށް ގަބޫލު ނުކުރައްވާކަމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ޖިހާދު މިހެން ވިދާޅުވީ ނައިބުރައީސް ކަމުގައި ހުންނެވިއިރު ޖިހާދު ދިރިއުޅުއްވި ރެހެންދި ފްލެޓުގެ އެޕާޓްމެންޓު އޭނާ އަށް މިލްކުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަނިކޮށް އޭސީސީ އިން އެކަން ހުއްޓުވާފައިވާ މައްސަލާގައި "ސަން" އާ ވާހަކަ ދައްކަވަމުންނެވެ.

ޖިހާދު ވިދާޅުވީ މިނިވަން މުވައްސަސާތަކުގައި ތިއްބެވި އެހެން ބޭފުޅުންނަށް ފްލެޓު މިލްކުކޮށްދިން ފަދައިން އޭނާ އަށްވެސް އެ ފްލެޓު މިލްކުކޮށްދިނުމަކީ ކޮރަޕްޝަންކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

"ކުރީގައި ސަރުކާރުގައި އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށްވެސް ފްލެޓު މިލްކުކޮށްދިން އުސޫލުން އަގުމަގުކޮށް ދިނުމަށް މި އެދެނީ. އެއީ ކޮރަޕްޝަން އެކުލެވޭ ކަމެއްކަމަށް ގަބޫލެއް ނުކުރަން،" ޖިހާދު މިރޭ ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް ވިދާޅުވީ އެމަނިކުފާނުގެ މިލްކިއްޔާތުގައެއް އެއްވެސް ބިމެއް އަދި އިމާރާތެއްވެސް ގޯއްޗެއްވެސް ނެތް ކަމަށެވެ.

"ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށްވެސް އެދި ހުށަހެޅިން. ވިލިމާލޭގެ ގޯއްޗެއް ލިބޭތޯ ހުށަހެޅިން. އަޅުގަނޑުގެ އަމިއްލަ އަށް ތިނަދޫ އިން ބިން ދޫކުރިއިރު އެކަމަށްވެސް ހުށަހެޅިން،" އެއިން އެއްވެސް ފަހަރަކު ބިމެއް އަދި އެޕާޓްމެންޓެއްވެސް ނުލިބޭކަމަށް ޖިހާދު ވިދާޅުވިއެވެ.

ޖިހާދު ވިދާޅުވީ އޭނާ އަކީވެސް ދިވެހި ރައްޔިތެއް ކަމަށާއި ކޮންމެ ރައްޔިތަކަށްވެސް ދިރިހުރުމުގެ ހައްގު ލިބިދޭ ކަމަށެވެ. ދިރިހުރެވޭނީ ދިރިއުޅޭނެ ތަނެއް ލިބިގެންކަމަށް ވެސް ޖިހާދު ވިދާޅުވިއެވެ.

"ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑަށްވެސް އޮންނަންވާނެ ދިރިއުޅުމުގެ ހައްގު. ދިރިހުވޭނީ ދިރިއުޅޭނެ ތަނެއް އޮވެގެން. އަޅުގަނޑު މިވީހާތަނަށް ކުރިމަތިލީން މާލޭން ދޫކުރި ފްލެޓުތަކަށް. ވިލިނގިލީ ގޯތިތަކަށްވެސް އުފަންރަށް ތިނަދޫގެ ގޯތިތަކަށްވެސް އެކަމަކު އެއްވެސްތަނަކު ލައްވަޔެއް ނުލި،" ޖިހާދު ވިދާޅުވިއެވެ.

ކުރިގެ ނައިބު ރައީސް ވިދާޅުވީ އެންމެ ފުރަތަމަ ރެހެންދި ފްލެޓަށް ބަދަލުވެ ވަޑައިގެންނެވި އިރު އެތަނުގައި ހުރީ ތިން ކޮޓަރިއަކާއި ދެ ފާހާނާ ކަމަށެވެ. އެޓޭޗްޑް ފާހާނާ ހުރީ އެންމެ ކޮޓަރިއެއްގައި ކަމަށާއި ނައިބު ރައީސަކު ދިރިއުޅުއްވަން އެތަނަށް އޭރު ބަދަލުގެނައި ކަމަށް ޖިހާދު ވިދާޅުވިއެވެ. އެކަން އޭރު ކުރީ ސަރުކާރުން ކަމަށާއި އެޕާޓްމެންޓަށް ފައިސާ ދައްކަވާއިރު އެ ހަރަދަށްވާ ފައިސާވެސް ދައްކަވަން ތައްޔާރު ކަމަށް ޖިހާދު ވިދާޅުވިއެވެ.

މަގާމު ތަކުގައި ތިއްބެވި ބޭފުޅުންނަށް ކުރިން ދޫކުރި ކޮންމެ ތަނެއްގައިވެސް ފާހާނާ ލައިދިން ކަމަށް ޖިހާދު ވިދާޅުވިއެވެ.

"މާލޭގައި އުޅޭތާ އެތައް ދުވަހެއް ވަނީ. ސަރުކާރުގެ މަގާމުތަކުގައި 30 އަހަރަށްވުރެ ގިނަ ދުވަހު އުޅެފިން. ސަރުކާރަށް ވަނީ 1980 ވަނަ އަހަރު ސްކޫލުގައި އުޅުނު އިރު. ބައިވަރު މަގާމުތައް އަދާކުރެވިއްޖެ ނައިބު ރައީސްގެ މަގާމާ ހަމައަށް،" ޖިހާދު ވިދާޅުވީ އޭނާ އަށްވުރެ އުމުރުގެ ގޮތުންހަނގު ތަޖުރިބާމަދު މީހުންނަށްވެސް ދިރިއުޅޭނެ ތަންތަން ސަރުކާރުން ދީފައިވާ ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު --- ފޮޓޯ// ރައީސް އޮފީސް

"އެ އުސޫލުން ދެއްވާށޭ މި ދަންނަވަނީ. ދެވެން ނެތިއްޔާ އެވާހަކަވެސް ދަންނަވަން ވާނެ ނޫންތޯ؟،"

ޖިހާދު ރެހެންދި ފްލެޓުގައި ދިރިއުޅުއްވާ މައްސަލަ އޭސީސީ އިން ބަލަމުންދާއިރު އެ މައްސަލަ ދިގުލައިގެން ދިޔުން ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ފްލެޓު ބޭނުން ކުރާ އެހެން މީހުންގެ ކަންތައްވެސް ހުއްޓުވަން ވީނުންތޯ؟ އަޅުގަނޑު މި ސަރުކާރަށްވެސް ދަންނަވަން ބޭނުން ފްލެޓު ދޭއިރު ފްލެޓު ނެތް ފަރާތްތަކަށް ފްލެޓު ދޭން،" ކުރީގެ ނައިބު ރައީސް ވިދާޅުވިއެވެ.

ޖިހާދަކީ ނައިބު ރައީސްގެ މަގާމުގެ އިތުރުން އެމްއެމްއޭގެ އިސް މަގާމުތަކާއި ފިނޭންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް