ޖިހާދުގެ އަތުން ރެހެންދި ފްލެޓުގެ ކުލީގެ ގޮތުގައި އެއް މިލިއަން ހޯދަން ސަރުކާރުން ކޯޓަށް!

ސަން ފައިލް ފޮޓޯ

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު، ގާނޫނީ ހައިސިއްޔަތެއް ނެތި "ރެހެންދި 3" ގެ ދެ ފްލެޓުގައި ދިރިއުޅުއްވި މައްސަލައިގައި އޭނާގެ އަތުން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ގާނޫނީ ހައިސިއްޔަތެއްނެތި ޖިހާދު ދައުލަތުގެ މުދަލެއް ބޭނުންކޮށްފައިވާ މުއްދަތަށް އޭނާގެ ކިބައިން ކުލި ހޯދުމުގެ ހައްގު ދައުލަތަށް ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށާއި ނުހައްގު މުއްސަނދިކަން ހޯދާފައިވާތީ، އެތަނުގެ ކުއްޔާއި މެއިންޓެނަންސް ފީ އާއި ޔުޓިލިޓީ ފީސް ދައުލަތަށް އެކީ އެއްފަހަރާ ހޯދުމަށް ކަމަށެވެ.

އެގޮތުން ކުއްޔާއި މެއިންޓެނަންސް ފީ އާއި ޔުޓިލިޓީ ފީސްގެ ގޮތުގައި ޖުމްލަ 1،109،227.36 (އެއްމިލިއަން އެއްލައްކަ ނުވަހާސް ދުވިސައްތަ ހަތާވީސް ރުފިޔާ ތިރީސް ހަ ލާރި) ދައުލަތަށް އެކީ އެއްފަހަރާ ހޯދުމަށް އޭޖީ އޮފީހުން ސިވިލް ކޯޓަށް މިއަދު ވަނީ ހުށަހަޅާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކާބެހޭ ގާނޫނުގެ ދަށުން ނިމިދިޔަ ރިޔާސީ ދައުރުގައި ނައިބު ރައީސްގެ ގޮތުގައި ހުންނެވި ޖިހާދު ދިރިއުޅުއްވުމަށް ދައުލަތުގެ ފަރާތުން "ރެހެންދި 3" ގެ ދެ ފްލެޓް ހަމަޖައްސައިދިނެވެ.

ނަމަވެސް ރިޔާސީ ދައުރު ހަމަވުމަށްފަހު، އެތަން ހުސްކުރަން ދައުލަތުން އެންގުމުންވެސް އެތަން ހުސްނުކޮށް، ގާނޫނީ ހައިސިއްޔަތެއް ނެތި އެއް އަހަރާއި ތިން މަސް ވަންދެން އެ ފްލެޓުތައް ބޭނުން ކުރައްވަމުން ގެންދެވި ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ޖިހާދު އެތަން ދޫކޮށްލެއްވީ 17 ފެބްރުވަރީ 2020 ގައި ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް