ޓްރިވެންޑްރަމް، އިންޑިއާ (26 ޑިސެމްބަރު) - ސާފް ސުޒުކީ ކަޕްގައި މިއަދު ހަވީރު ދިވެހި ގައުމީ ފުޓްބޯޅަ ޓީމް ބަނގުލަދޭޝްއާ ދެކޮޅަށް ވާދަކުރާ މެޗުގެ ޓިކެޓް ހިލޭ ހޯދުމަށް ގިނަ އަދަދެއްގެ ބަޔަކު ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓަށް ޖަމާވަމުން އެބަދެއެވެ.
ކޮންސުލް އަލީ އާދަމް (އަލިބެ) މިއަދު ސަންއަށް ވިދާޅުވީ، "މިހާރުވެސް ވަރަށް ގިނަ އަދަދެއްގެ ބޭފުޅުން ޓިކެޓް ހޯއްދަވަން ކޮންސިއުލޭޓްގައި އެބަ ތިއްބެވި،" ކަމަށާއި ކޮންސިއުލޭޓްގައި ގާއިމުކޮށްފައިވާ ވޮލަންޓިއާސް އޮފީހުން ފޯރިއާއެކު ޓިކެޓް ބެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަލިބެ ވިދާޅުވީ، މިއަދުގެ މެޗަށް ވަނުމަށް ދިވެހީންނަށް 2000 އަށްވުރެ ގިނަ ޓިކެޓް ކޮންސިއުލޭޓުން ހިލޭ ފޯރުކޮށްދޭނޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނާއި ތުރިވަނަންތަޕޫރަމް ޑިސްޓްރިކްޓް ފުޓްބޯލް އެސޯސިއޭޝަން (ޑީއެފްއޭ)އާއި އެނޫންވެސް ހެޔޮއެދޭ ފަރާތްތަކާ ގުޅިގެން ޓިކެޓް ހޯދުމަށް އަދިވެސް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
މިއަދު ހެނދުނު 9:30 ވުމާއެކު ކޮންސިއުލޭޓުގައި ގާއިމުކޮށްފައިވާ އޮފީހުން ޓިކެޓް ދޫކުރާން ފަށާފައިވާއިރު، މެޗު ފެށުމުގެ އެއް ގަޑިއިރު ކުރީން، ޓްރިވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމްގެ ގޭޓްތައް ކައިރީންވެސް ޓިކެޓް ލިބޭނެ އިންތިޒާމް ހަމަޖައްސަވާނޭ ކަމަށް އަލިބެ ވިދާޅުވިއެވެ.
އަލިބެ ވިދާޅުވީ، "ގައުމީ ޓިމުގެ މެޗުތައް ދިވެހީންނަށް ހިލޭ ބަލައިލާން ދަނޑަށް ވަނުމުގެ ފުރުސަތު ހޯދައިދިނުމަށް ކުރެވޭ މަސައްކަތަކީ، ސީދާ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތެއް،" ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ދިވެހި ސަރުކާރާއި ރައްޔިތުން ދެއްވަވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުއަދާކުރާ ކަމަށްވެސް އަލިބެ ވިދާޅުވިއެވެ.
ރާްއްޖެއާއި ބަނގުލަދޭޝް ވާދަކުރާ މެޗު ފަށާނީ އިންޑިއާ ގަޑިން މިއަދު މެންދުރުފަހު 3:30ގައެވެ. އެހެންކަމުން މިއަދު 2:30އިން ފެށިގެން މެޗުކުޅޭ ދަނޑުގެ ގޭޓްތައް ކައިރިންވެސް ޓިކެޓް ލިބޭނޭ އިންތިޒާމް ހަމަޖެހިފައިވާނޭ ކަމަށް ކޮންސިއުލޭޓުން ވަނީ ބުނެފައެވެ.