ޅ. ނައިފަރުން އިއްޔެ މެންދުރުއްސުރެ ކަރަންޓް ކެނޑުނު ގޮތަށް އަދި ވެސް ކަރަންޓުގެ ނުލިބޭ ކަމަށް އެ ރަށު އިންޖީނު ގެއިން ބުނެފި އެވެ.
ނައިފަރު އިންޖީނު ގެއިން ސަން އާ ވާހަކަ ދެއްކި މީހަކު ބުނީ، އެ ރަށުން ކަރަންޓް ކެނޑެން މެދުވެރިވީ އެ ރަށު މަގުތަކުގައި ބައްތި ހަރުކުރުމުގެ މަސައްކަތް ކުރަމުގެ ތެރެއިން ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
"އެލްޖީއޭގެ މަގު ބައްތި ޖެހުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ، އެ ބޭފުޅުން މަގު ބައްތި ޖަހާއިރު އަޅުގަނޑުމެންނަށް ގުޅުއްވާ، އެކަމަކު އިއްޔެ އަޅުގަނޑުމެންނަށް ނުގުޅުއްވާ ހައިވޮލްޓޭޖް ކޭބަލް މައްޗަށް އެ ބޭފުޅުން އާތު ރޮޑް ޖެއްސެވީ. ދެން ކޭބަލް ދެ ފަރާތުން ބުރި ވީ،" އޭނާ ބުންޏެވެ.
ޅ. ނައިފަރަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކައިގެ ޓީމެއް މިހާރު އަންނަނީ އެ ރަށުގައި ހަރަކާތްތެރި ވަމުންނެވެ.
ކުރިއަށް ހަތަރު ވަރަކަށް ގަޑި އިރު ތެރޭގައި ކަރަންޓް ކެނޑެން މެދުވެރިވި މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށް އެ ރަށު އިންޖީނު ގެއިން ބުނެ އެވެ.
ގިނަ އިރުތަކެއް ވަންދެން ކަރަންޓް ކެނޑުމާ ގުޅިގެން އެރަށުގެ ގިނަ ފަރާތްތަކަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.