ދަގަނޑޭ ޕީޑީއާރުއެމްއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ކޮށްފި

ދަނގަޑޭ ޕީޑީއާރުއެމް ގެ ޖާޒީގައި: މިދިޔަ އަހަރު އެ ޓީމާއި ގުޅުނު ދަގަނޑޭ ވަނީ އެ އެއްބަސް ވުން އިތުރުކޮށްފައި --- ފޮޓޯ: އަލީ އަޝްފާގް އެފްބީ ޕޭޖް

ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގު(ދަގަނޑޭ) މެލޭޝިއާގައި އޭނާ ކުޅެމުން އަންނަ ކުލަބު ޕީޑީއާރުއެމްއާ އެކު ހަދާފައިވާ އެއް ބަސްވުން އިތުރުކޮށްފޮއެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގައި 2013 ވަނަ އަހަރު ކާމިޔާބު ސީޒަނެއް ނިއްމާލުމަށް ފަހު ޖެހިގެން އައި ސީޒަންގައި އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޕީޑީއާރުއެމްގައި ހޭދަކުރުމަށް ފަހު އެ އެއްބަސްވުން އިތުރުކޮށްފައިވާ ކަން މިއަދު 'ސަން' އަށް ދަގަނޑޭ ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ގައުމީ ޓީމަށް 2004 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ދަގަނޑޭ ޕީޑީއާރުއެމް އަށް ބަދަލިވި އިރު އެ ޓީމް ކުޅެމުން އައީ މެލޭޝިއާގެ ދެވަނަ ޑިވިޝަންގައެވެ. އެ ޓީމްގެ އިތުރުން ރާއްޖޭން ބޭރުގެ ގިނަ ކުލަބު ތަކަކުން ދަނގަޑޭ ހޯދަން އުޅުނު ނަމަވެސް އެންމެ ރަނގަޅު ހުށަހެޅުމެއް ޕީޑީއާރުއެމް އިން ހުށަހަޅާފައިވާތީ އެ ކުލަބަށް ބަދަލުވެ އެނާގެ މޮޅުކުޅުމާ އެކު އެ ޓީމް ވަނީ މެލޭޝިއާގެ ސުޕަލީގަށް ޕްރޮމޯޓް ވެސް ވެފައެވެ.

މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އައި ޕީޑީއާރުއެމަށް ސީޒަން ނިމެން އުޅެނިކޮށް ދިމާވި ތަފާތު އެކި މައްސަލަތަކުގެ ސަބަބުން ވަނީ ގިނަ މެޗްތަކަކުން ބަލިވެފައެވެ. އެޓީމުން ލީގު ނިއްމާލަން ޖެހުނީ ހަ ވަނާގައި އޮވެގެންނެވެ. އެ ޓީމަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ބައެއް ކުޅުންތެރިން މެޗް ވިއްކާލުމުގެ ތުހުމަތު ކުރެވި އެ ކުޅުންތެރިން ސްކޮޑުން ބޭރު ކުރަން ޖެހުމެވެ.

ދަގަނޑޭގެ އިތުރުން އެ ޓީމުން ވަނީ އަންނަ އަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މޮޅެތި ކުޅުންތެރިން ތަކެއް ހޯދުމަށް މަސަތްކަތް ކުރަމުންނެވެ. އެ ގޮތުން ކުރިން މެލޭޝިއާގެ ޖޯހަރު އެފްސީ އަށް ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު އެންޑަޒީނިއޯ ވިލިއަމްސް ދަ ސިލްވާ ވެސް ވަނީ އެ ޓީމަށް މިއަދު ސޮއިކޮށްފަ އެވެ.

މިދިޔަ އަހަރު މެލޭޝިއާ ލީގްގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާގެ އެވޯޑް ހޯދާ މިއަހަރުގެ އެ ވޯޑަށް ދަގަނޑޭ ވަނީ ނޮމިނޭޓް ވެސް ވެފައެވެ.

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ ކަމަށްވާ ދަގަނޑޭ ވަނީ ރާއްޖޭގެ އިތުރުން މި ސަރަހައްދުގައި ވެސް ވިދާލައިފަ އެވެ. އެގޮތުން ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު މުބާރާތުގެ މޮޅު ކުޅުންތެރިޔާއަކީ ވެސް އޭނާ އެވެ.

comment ކޮމެންޓް