އެމެރިކާގެ ސީކްރެޓް ސާވިސް އެޖެންޓުން ރާއްޖޭން މިދިޔަ އަހަރު ހައްޔަރު ކުރި ރަޝިޔާގެ ރޯމަން ވަލެރިވިޗް ސްލެޒްނޯވް ހައްޔަރު ކުރީ ދިވެހިރާއްޖެއާ އެމެރިކާގެ ގާނޫނުތަކާ އެއްގޮތަށް ކަމަށް އެމެރިކާގެ ކޯޓަކުން ކަނޑައަޅައިފިއެވެ.
އެމެރިކާގެ ޑިސްޓްރިކްޓު ކޯޓަކުން މައްސަލަ ބެލުމަށްފަހު ނިންމާފައި ވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ވަކީލުން ބުނިނަމަވެސް އެކަން ސާބިތުކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ.
ހަމައެހެންމެ ވަކީލުން އެދުނުގޮތަށް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ބާތިލްކުރެވެން ނެތް ކަމަށް ވެސް އެ ކޯޓުން ވަނީ ނިންމާފައެވެ.
ރާއްޖެއިން އޭނާ ހައްޔަރު ކުރި ގޮތް ގަބޫލުނުކުރެވޭނެ ކަމަށާއި، ސީކްރެޓް އޭޖެންޓުން ސްލެޒްނޯވް "ވަގަށް ނެގީ" ކަމަށްވެސް ވަކީލުން ބުނެފައި ވެއެވެ.
ވަކީލުންގެ ވާހަކަތަކާ ގުޅިގެން އެމެރިކާގެ އެސިސްޓަންޓް އެޓާނީ ނޯމަން ބާބޯސާ ވިދާޅުވީ އެ ވާހަކަތަކަށް ބާރެއް ލިބޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އެގޮތުން އޭޖެންޓުން ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ އެކު މަސައްކަތް ކުރި ކަމަށާއި ބައިނަލްއަގްވާމީ ގާނޫނުތަކަށް އިހްތިރާމް ކުރިކަން އެނގޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގައި އެޖެންޓުން މަސައްކަތް ކުރި ގޮތަށް ތައުރީފު ހައްގު ކަމަށެވެ.
މި މައްސަލައިގައި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ވަނީ އެމެރިކާގެ ކޯޓެއްގައި ހެކިބަސް ދީފައެވެ. ޝަމީމް ވިދާޅުވީ ސްލެޒްނޯވް ރާއްޖެ އިން ހައްޔަރުކޮށްފައި ވަނީ ރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް ކަމަށެވެ.
ސްލެޒްނޯވް ހައްޔަރުކޮށްފައި ވަނީ ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) މެޝިންތަކެއް ހެކްކޮށް، ކްރެޑިޓް ކާޑްތަކެއްގެ ޕާސް ވޯޑް ހޯދިކަމުގެ ތުހުމަތުގަ އެވެ.
ރާއްޖެއިން އޭނާ ހައްޔަރު ކުރުމަށްފަހު އެމެރިކާއިން ޗާޓަރުކުރި ޖެޓެއްގައި އޭނާ ވަނީ ގުއާމަށް ގެންގޮސްފައެވެ.
ސްލެޒްނޯވްގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.