ޗައިނާގެ އިރުމަތީގެ ވޫޝީ ސިޓީގެ ވޮކޭޝަނަލް ސްކޫލެއްގައި ވަޅިން ހަމަލާދީ އަށް މީހަކު މަރާލައިފިއެވެ.
އެ ހަމަލާދިން ކަމަށް ޝައްކު ކުރެވެނީ އެ ސްކޫލްގެ ކުރީގެ ދަރިވަރެކެވެ. ފުލުހުން މިހާރު ވަނީ އޭނާ ހައްޔަރުކޮށްފައެވެ. ފުލުހުންނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި 21 އަހަރުގެ އެ ދަރިވަރަކީ މިއަހަރު ގްރެޖުއޭޓްވާން ޖެހޭ ދަރިވަރެއް ނަމަވެސް، އޭނާ ވަނީ އިމްތިހާނުތަކުން ފެއިލްވެފައެވެ.
ޔިކްސިންގް ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ ހަމަލާ ދީފައިވަނީ ޔިކްސިންގް ކައުންޓީގެ ވޫޝީ ވޮކޭޝަނަލް އިންސްޓިޓިއުޓް އޮފް އާޓްސް އެންޑް ޓެކްނޮލޮޖީގައި ޗައިނާ ގަޑިން ހަވީރު 6:30 ހާއިރު ކަމަށެވެ.
އެ ހަމަލާގައި 17 މީހަކު ޒަޚަމްވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މިއީ ހަފުތާއެއްގެ ތެރޭގައި ޗައިނާގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ. ޗައިނާގެ ދެކުނުގައި އޮންނަ ޒުހާއީގައި ސިޓީގައި އުމުރުން ދުވަސްވީ މީހަކު ދުއްވި ކާރެއް ކޮންޓްރޯލުނުވެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 35 މީހުން މަރުވެ، 43 މީހުން ޒަޚަމްވީ މި މަހުގެ 13 ވަނަ ދުވަހުއެވެ.
އަދި ފާއިތުވި މަސްތަކުގައި އެހެން ހަމަލާތައް ވެސް ޗައިނާގައި ވަނީ ގިނަވެފައެވެ.
އެގޮތުން އޮކްޓޯބަރު މަހު ޝަންހާއީގެ ސުޕަމާކެޓެއްގައި ވަޅިން ހަމަލާދީ ތިން މީހަކު މަރާލައި 15 މީހަކު ޒަޚަމްކޮށްލާފައިވެއެވެ. އަދި އޭގެކުރިން ސެޕްޓެމްބަރު މަހު ވެސް ހޮންކޮންގް ބޯޑަރު ކައިރީ އޮންނަ ދެކުނުގެ ސިޓީއެއް ކަމަށްވާ ޝެންޒެންގައި ޖަޕާނުގެ ސްކޫލް ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލާފައިވެއެވެ.