ޗައިނާގައި ފުޅީގައި ބަންދުކޮށްފައި ހުންނަ ސާފު ވައިގެ ޑިމާންޑް ބޮޑުވެފައި

ވައި ތަޣައްޔަރުވުމުގެ ސަބަބުން އެތައް އުދަނގޫތަކެއް ކުރިމަތިވަމުން އަންނަ ޗައިނާގައި، ފުޅީގައި ބަންދުކޮށްފައި ހުންނަ ސާފު ވައިގެ ޑިމާންޑު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.

ފަރުބަދަ މަތީގެ ސާފު ވައި ފުޅީގައި ބަންދުކޮށްގެން ވިއްކާ ކެނެޑާގެ ކުންފުންޏެއް ކަމަށްވާ ވައިޓަލިޓީ އެއާ އިން ޗައިނާއަށް ކަނޑައަޅާފައި ހުންނަ މަންދޫބު ހެރިސަން ވޭންގު ބުނި ގޮތުގައި އެ ކުންފުނިން ވިއްކާ "ވައި ފުޅި" އޮންލައިން ނޫސް،ޓައޮބައޮގައި ޖެހުމުން ވަގުތުން ވިކި ހުސްވާ ކަމަށެވެ.

ޓައޮބައޮ އަކީ ދުނިޔޭގެ މަޝްހޫރު އޮންލައިން ވިޔަފާރި ވެބްސައިޓެއް ކަމަށްވާ އީބޭއާ އެއްގޮތް ޗައިނާގެ ވިޔަފާރި ވެބްސައިޓެކެވެ.

މީގެ އެއް އަހަރު ކުރިން އުފެއްދި ވައިޓަލިޓީ ކުންފުނިން ތާޒާ ވައި ހޯދަނީ ކެނެޑާގެ ފަރުބަދަމަތީ ޓައުނެއް ކަމަށްވާ އެލްބާރޓާގައި އޮންނަ ތިމާވެއްޓާ ރަހުމަތްތެރި ރިސޯޓެއް ކަމުގައިވާ ބެންފް އާއި ލޭކް ލޮއީސް ސްކައި ރިސޯޓުންނެވެ.

އެ ކުންފުނިން ވިއްކާ 7.7 ލީޓަރުގެ ވައި ފުޅިއެއްގެ އަގު ޗައިނާގައި އުޅެނީ 100 ޔުއާން (15 ޑޮލަރު) އަށެވެ. އެއީ މިނަރެލް ފެންފުޅި އަކަށްވުރެ 50 ގުނަ ބޮޑު އަގެކެވެ.

ވައިޓަލިޓީ އެއާ އިން އެ ކުންފުނީގެ ވައި ފުޅި ޗައިނާގައި މާކެޓް ކުރަން ފަށާފައި ވަނީ މީގެ ދެ މަސް ކުރިން ނަމަވެސް ގެނައި ފުރަތަމަ 500 ފުޅީގެ ޝިޕްމެންޓް ހުސްވެފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

އެގޮތުން 4000 ފުޅީގެ އިތުރު ކޮންޓެއިނަރެއް ޗައިނާއަށް މިހާރު މިސްރާބު ޖަހާފައިވާ އިރު، އެ ޝިޕްމަންޓް ވެސް ވިކި ހުސްވެފައިވާ ކަމަށް ކުންފުނީގެ ކޯ ފައުންޑާ މޮސެސް ލަމް ވިދާޅުވެފައިވެ އެވެ.

"އަހަރެމެން ބޭނުންވަނީ ޗައިނާގެ ރައްޔިތުންނަށް އެމީހުންގެ ކޮންމެ ދުވަހެއް ދިރިއުޅުމުގައި ސާފު ވައި ބޭނުންކުރުމުގެ ފުރުސަތުދޭން،" ވޭންގު ބުންޏެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގްގައި އާދަޔާ ޚިލާފަށް ވައި ނުސާފުވުމުގެ ސަބަބުން މިދިޔަ ހަފްތާތެރޭގައި ވަނީ ފުރަތަމަ ފަހަރަށް ރަތް އެލާޓު ނެރިފަ އެވެ. އެކަމުގެ ސަބަބުން ޗައިނާގެ ރައްޔިތުން ބޭރަށް ނުނިކުމެ ގޭ ބަންދުވެފައި ތިބި އިރު، ބައެއް ސްކޫލްތަކާއި ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ވެސް ވަނީ ވަކި މުއްދަތަކަށް ހުއްޓާލަން ޖެހިފަ އެވެ.

ބައެއް އޮފިޝަލުން ބުނި ގޮތުގައި ބެއިޖިންގްގެ ވައިގެ ކޮލިޓީ އޭރު އުޅުނީ 250 ގަ އެވެ. އެއީ ވައިގެ ކޮލިޓީ ހުންނަން ޖެހޭ މިންވަރު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ 10 ގުނަ މަތީ އަދަދެކެވެ.

މައުލޫމާތު: ނޫސް އެޖެންސީތައް

comment ކޮމެންޓް