ނޭވާލާން ސާފު ވައި ބޭނުންކުރާތީ ޗައިނާގެ ރެސްޓޯރަންޓަކުން ކަސްޓަމަރުން އަތުން ޗާޖުކުރަނީ

ޗައިނާގެ މީހަކު ފޭސް މާސްކެއް އަޅައިގެން: އެގައުމުގެ ވައި އާދަޔާ ހިލާފަށް ތަޣައްޔަރުވުމުން މިދިޔަ ހަފްތާ ތެރޭގައި ވަނީ ރެޑް އެލާޓް ވެސް ނެރެފައި --- ފޮޓޯ/ ގެޓީ އިމޭޖަސް

ޗައިނާގެ ވައި އާދަޔާ ހިލާފަށް ނުސާފުވެފައިވާތީ، އެގައުމުގެ ރެސްޓޯރަންޓަކުން ސާފު ވައި ފޯރުކޮށްދޭން ފަށައިފި އެވެ. ނަމަވެސް ނޭވާލާން ސާފު ވައި ބޭނުންކުރާތީ، "ވައި ސާފުކޮށްދޭ ކަމުގެ ފީ" އެއްގެ ގޮތުގައި އެ ރެސްޓޯރެންޓުން އަންނަނީ ކަސްޓަމަރުން އަތުން ޗާޖުކުރަމުންނެވެ.

އެގައުމުގެ ޖިއަންގޫ ޕްރޮވިންސުގެ ޒާންޖަގޭންގް ސިޓީގައި ހުންނަ ރެސްޓޯރެންޓަކުން ކަސްޓަމަރުން އަތުން ބޮލަކަށް އެއް ޔުއާން (0.15 ޑޮލަރު) ޗާޖުކުރަން ފެށީ، އެ ރެސްޓޯރެންޓަށް ގަތް ވައި ފިލްޓަރުކޮށްދޭ މެޝިނެއް ބެހެއްޓުމަށްފަހު އެވެ.

ސައުތު ޗައިނާ މޯނިންގް ޕޯސްޓާ ހަވާލާދީ ދަ އިންޑިޕެންޑެންޓް ނޫހުގައި ބުނެފައިވާ ގޮތުން، ރެސްޓޯރެންޓުން ކަސްޓަމަރުން އަތުން ޗާޖުކުރާ ކަމެއް އެތަނުން ހިދުމަތްހޯދާ ކަސްޓަމަރުންނަކަށް ނޭނގެ އެވެ. އަދި އެކަން ކަސްޓަމަރުންނަށް އިނގެނީ ކައި ނިމިގެން ބިލު ގެންނަ ފަހުންނެވެ.

ނަމަވެސް އެކަމުގެ ޝަކުވާ ކަސްޓަމަރުން ކުރުމުން ސަރުކާރުން ވަނީ އެ ފީއަކީ ގަވާއިދާ ހިލާފަށް ނަގަމުން އަންނަ ޗާޖެއް ކަމަށް ނިންމައި އެކަން ހުއްޓާލުމަށް އެ ރެސްޓޯރެންޓަށް އަންގާފައެވެ.

ސިޓީގެ އޮފިޝަލުންނާ ހަވާލާދީ ޒިންހުއާ ނޫހުގައި ބުނެފައިވަނީ ނޭވާލާން ފިލްޓަރު ކޮށްފައި ހުންނަ ވައި ބޭނުންކުރުމަކީ ކަސްޓަމަރުންގެ އަމިއްލަ އިހްތިޔާރުގައި އޮތް ކަމެއް ނޫން ކަމަށެވެ.

އެކަމާމެދު ބައެއް ކަސްޓަމަރުން ޝަކުވާ ކުރި ނަމަވެސް އެކަމަށް ތާއީދު ކޮށް ވެސް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފައެވެ.

އެގޮތުން ފަސޭހަކަމާއެކު ނޭވާލުމުގެ ފުރުސަތު ހޯދުމަށް އެއް ޔުއާން ދިނުމަކީ އުފަލެއް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގްގައި އާދަޔާ ޚިލާފަށް ވައި ނުސާފުވުމުގެ ސަބަބުން މިދިޔަ ހަފްތާތެރޭގައި ވަނީ ފުރަތަމަ ފަހަރަށް ރަތް އެލާޓު ވެސް ނެރެފައެވެ. ބައެއް އޮފިޝަލުން ބުނިގޮތުގައި ބެއިޖިންގްގެ ވައިގެ ކޮލިޓީ އޭރު ހުރީ 250ގަ އެވެ. އެއީ ވައިގެ ކޮލިޓީ ހުންނަން ޖެހޭ މިންވަރު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ 10 ގުނަ މަތީ އަދަދެކެވެ.

މައުލޫމާތު: ދަ އިންޑިޕެންޑެންޓް އަދި ސައުތު ޗައިނާ މޯނިންގ ޕޯސްޓް

comment ކޮމެންޓް