އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ޕްލޭއޯފެ ދެ ވަނަ މެޗަށް ގްރީން ސްޓްރީޓަށް ޓީމު ހަމަނުކުރެވުމުން އަންނަ އަހަރު ވެސް ފުރަތަމަ ޑިވިޝަނުގެ ޖާގަ ބީޖީ އަށް ލިބިއްޖެ އެވެ.
ޕްލޭއޯފްގެ ފުރަތަމަ މެޗު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބީޖީން ކާމިޔާބު ކުރީ 4-1ގެ ނަތީޖާ އަކުން ގްރީން ސްޓްރީޓް ބަލިކުރުމަށް ފަހުގަ އެވެ. އަދި ޕްލޭ އޮފްގެ ދެ ވަނަ މެޗަށް އިއްޔެ ގްރީން ސްޓްރީޓަށް ޓީމު ހަމަ ނުކުރެވުމުން 1-4 ގެ އެގްރިގޭޓަކުން ބީޖީ ވަނީ އެއް ވަނަ ޑިވިޝަނުން އަނެއްކާވެސް ޖާގަ އެއް ހޯދާފަ އެވެ.
ޕްލޭއޯފް މެޗުގައި ބީޖީއަށް ކުޅެން ޖެހުނީ ލީގުގެ ހަތް ވަނަ ޓީމުގެ ގޮތުގަ އެވެ. ގްރީން ސްޓްރީޓް ވާދަކުރީ ދެ ވަނަ ޑިވިޝަނުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމުގެ ގޮތުގައި އަންނަ އަހަރު ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދާފައި ވަނީ ޔުނައިޓެޑް ވިކްޓަރީ އެވެ. ލީގުގެ ފުލަށް ގޮސްގެން ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ މި އަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ކުޅުނު މަހިބަދޫ ސްޕޯޓްސް ކުލަބެވެ.
ބީޖީ ފުރަތަމަ ޑިވިޝަނުން ޖާގަ ކަށަވަރުކުރުމުން އަންނަ އަހަރު ލީގުގައި ދެން ވާދަކުރާނީ އެންމެ ފަހުގެ ހަތަރު އަހަރުގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ޓީސީ އާއި ވިކްޓަރީ ސްޕޯޓްސް ކުލަބު އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު އާއި އީގަލްސް އަދި ވެލެންސިއާ އެވެ.