ގައުމީ ފެންވަރުގެ ޝޫޓަރެއް، މިއަދު ފައިސާ ހޯދަން މަގުމަތީގައި ނޫޑްލިސް ވިއްކުމުގައި!

އުމުރުން އެންމެ 21 އަހަރުގެ ޕުޝްޕާ ގުޕްތާ އޭނާ މަސައްކަތްކުރާ ނޫޑްލިސް ގާޑިޔަލުގައި ނޫޑްލިސް ހަދަނީ ---

އޭނާއަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ އުފަން ސްޓޭޓް، ގުޖުރާތަށް އެެތައް ފަހުރަކާއި ޝަރަފެއް ހޯދައި ދީފައިވާ ޝޫޓަރެކެވެ. ގައުމީ ފެންވަރުގެ ކާމިޔާބީތަކެއް ހޯދަދީފައިވާ ހުނަރުވެރި އަންހެނެކެވެ. ގައުމު ފަހުރުވެރިވާނެ ކާމިޔާބީތަކެއް ހޯދައިދެވޭނެ ފެންވަރުގެ ގާބިލް ޒުވާނެކެވެ.

ނަމަވެސް އުމުރުން 21 އަހަރުގެ ޕުޝްޕާ ގުޕްތާ އަކީ ތަނަވަސްކަން ނެތުމުގެ ސަބަބުން ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިއަށް ވާސިލްނުވެ، މިއަދު ދިރިއުޅުމަށާއި އާއިލާއަށް ޓަކައި ފައިސާ ހޯދަން ގުޖުރާތުގެ ސިޓީއެއް ކަމަށްވާ ވަޑޮޑާރާގެ މަގެއްގެމަތީގައި ނޫޑްލިސް ވިއްކާ ގާޑިޔަލެއްގައި މަސައްކަތްކުރާ އަންހެނެކެވެ.

ޕުޝްޕާ އަށް ބަލާލައިފައި އެއީ ގައުމީ ފެންވަރުގެ ޝޫޓަރެއް ކަމެއް ނޭންގިދާނެ އެވެ. ނަމަވެސް އޭނާ މަސައްކަތްކުރާ ނޫޑްލިސް ގާޑިޔަލުގައި އޭނާ ހޯދާފައިވާ މެޑަލްތައް އެލުވާފައި ހުރެ އެވެ.

"އަހަރެން ކޮލަޖަށް ވަނީ 2013 ވަނަ އަހަރު. އެ ހިސާބުން އަހަންނަށް އިނގުނީ ޝޫޓިންގެ ހުނަރު ހުރިކަން. ދެން އަހަރެން ވަދުނީ ނެޝަނަލް ކެޑޭޓް ކޯޕްސް [އެންސީސީ] އަށް. އެތަނުން އަހަންނަށް ޝޫޓިންގަ ކުރިއަށްދާން މާލީ އެހީތެރިކަން ފޯރުކޮށްދިން. އަހަރެން ކުޅިވަރުގައި ގުޖުރާތު ވެސް ތަމްސީލްކުރިން. އެއަށް ފަހު ޝޫޓިން އަށް ޝައުގުވެރިވާން ފެށީ،" އޭއެންއައި އަށް ދިން އިންޓަވިއު އެއްގައި ޕުޝްޕާ ބުނެފައިވެ އެވެ.

ނަމަވެސް އެންސީސީ އިން ދިން ޝޫޓިން ކޯސް ނިމުމުންނާއި އެ ކުޅިވަރަށް އަސްކަރީ ޖަމިއްޔާ އިން ދިން މާލީ އެހީ ހުއްޓާލުމުން ޕުޝްޕާ އަށް ޖެހުނީ ކުޅިވަރު ދޫކޮށްލާށެވެ. ޝޫޓިން އަކީ ބޮޑު ހޭދައެއް ކުރަން ޖެހޭ ކުޅިވަރަކަށް ވާތީ، އެ ކުޅިވަރު ދޫކޮށްލަން މަޖުބޫރިވި އެވެ.

"އެންސީސީ އިން ދެމުން އައި އެއްބާރުލުން ހުއްޓާލުމުން، ބައްޕަ ބުނީ އެ ކުޅިވަރުގައި ކުރިއަށް ނުގޮސް އާމްދަނީއެއް ހޯދަން ވިޔަފާރއެއް ފަށަން. އެހާހިސާބުން ދެން ނޫޑިލްސް ވިއްކުމުގައި މިއުޅެނީ. މިހާރު އެއް އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ،" ޕުޝްޕާ ބުނެފައިވެ އެވެ.

ޕުޝްޕާގެ ބައްޕަ، ދިނޭޝް ކުމާރު ގުޕްތާ ބުނި ގޮތުގައި، އަންހެނުން ބާރުވެރިކުރުވުމުގެ ވާހަކަ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ދެއްކެވި ނަމަވެސް، އެކަން ފެންނަންއޮތީ ޓީވީތަކުންނާއި ނޫސްޕޭޕަރުތަކުގައި އެކަންޏެވެ. އެކަމުގެ އަމަލީ މަސައްކަތެއް އަދާ ހަމައަށް ފެނިފައިނުވާ ކަމަށް އޭނާ ބުންޏެވެ.

"މިހާރު، އަހަރެމެން ދިރިއުޅޭ ސަަރަހައްދުގެ އެމްޕީ އަކީ ވެސް އަންހެނެއް. ސްޓޭޓްގެ ޗީފް މިނިސްޓަރަކީ ވެސް އަންހެނެއް. ސްޕޯޓްސް އޮތޯރިޓީ އާއި ސަރުކާރުން ކޮންމެވެސް އެއްޗެއް ލިބުނު ނަމަ މިއަދު ޕުޝްޕާ ނޫޑްލިސް ވިއްކާކަށް ނުހުންނާނެ. އޭގެ ބަދަލުގައި އޭނާއަކީ ކުޅިވަރުގެ މައިދާނުގައި ގައުމަށް ފަހުރުވެރިވާނެ ދަރިއަކަށް ވީސް،" ޕުޝްޕާގެ ބައްޕަ ދިނޭޝް ބުންޏެވެ.

ދިނޭޝްގެ އުއްމީދަކީ އޭނާގެ އަންހެން ދަރިފުޅުގެ ހުނަރާއި ގާބިލްކަން ދައްކާލެވޭނެ ފުރުސަތެއް ލިބުމެވެ.

މައުލޫމާތު: އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އޭއެންއައި) އަދި ޓައިމްސް އޮފް އިންޑިއާ

comment ކޮމެންޓް