އޯޒޯނަށް ގެއްލުން ދޭ މާއްދާތައް އެތެރެ ކުރުން މަނާކުރާ ގާނޫނު ތަސްދީގުކޮށްފި

ރައީސް އަބްދުﷲ ޔާމީން: އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް އެތެރެކޮށްފިނަމަ ޖޫނިމަނާވާނެ-- ފޮޓޯ/ ރައީސް އޮފީސް

އޯޒޯން ފަށަލައަށް ގެއްލުން ދޭ މާއްދާތަކާއި އެފަދަ ކެމިކަލް މާއްދާތައް އެކުލެވޭ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަދުކޮށް، ހުއްޓާލުމަށް މަޖިލީހުން ފާސްކުރި ގާނޫނޫ ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ތަސްދީގު ކުރެއްވި "އޯޒޯން ފަށަލަ ހިމާޔަތް ކުރުމަށް ފިޔަވަޅު އެޅުމާ ބެހޭ ގާނޫނު"ގައި އޯޒޯނަށް ގެއްލުން ދޭ ކެމިކަލް މާއްދާތަކުގެ ތެރެއިން 25 ބާވަތެއް ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވެ އެވެ.

އޯޒޯން ފަށަލައަށް ގެއްލުން ދޭ މާއްދާތަކުގެ ތެރެއިން އަންނަ އަހަރުގެ މެއި މަހުގެ 31ގެ ފަހުން ރާއްޖެއަށް އެތެރެކުރުން މަނާ ބާވަތްތައް ވެސް އެ ގާނޫނުގައި ކަނޑައަޅާފައިވެ އެވެ. ރާއްޖޭގައި މަނާކޮށްފައިވާ ކެމިކަލް މާއްދާތައް އެކުލެވޭ ތާވަލަކާއެކު ތަފްސީލުތައް ގާނޫނުގައި ހިމަނާފައިވެ އެވެ.

ގާނޫނޫ ބުނާ ގޮތުން ކޮންޓްރޯލްކޮށްފައިވާ ކެމިކަލް މާއްދާތައް، ރާއްޖެއަށް އެތެރެ ކުރެވޭނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ. އަދި ކޮންޓްރޯލްކޮށްފައިވާ ކެމިކަލް މާއްދާތައް ރާއްޖެއަށް އެތެރެ ކުރެވޭނެ މިންވަރާއި އެތެރެ ކުރެވޭނެ ފަރާތްތައް އެ މިނިސްޓްރީން ކަނޑައަޅަންވާނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

އޯޒޯން ފަށަލަ ހިމާޔަތް ކުރުމަށް ފިޔަވަޅު އެޅުމާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން ރާއްޖެއަށް އެތެރެ ކުރުން މަނާކޮށްފައިވާ ކެމިކަލް މާއްދާއެއް ރާއްޖެެއަށް އެތެރެކޮށްފިނަމަ އެތެރެ ކުރާ ކޮންމެ ކިލޯގްރާމަކަށް 1،000 ރުފިޔާ އާއި 8،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެފަދަ ކެމިކަލް މާއްދާއެއް އެކުލެވޭ އާލާތެއް އެތެރެކޮށްފިނަމަ 10،000 ރުފިޔާ އާއި 100،000 ރުފިޔާގެ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރަންވާނެ ކަމަށް ގާނޫނުގައިބުނެފައިވެ އެވެ.

އަންނަ އަހަރުގެ މެއި މަހުން ފެށިގެން ރާއްޖެއަށް އެތެރެ ކުރުން ކޮންޓްރޯލްކޮށްފައިވާ މާއްދާއެއް އެތެރެކޮށްފިނަމަ 10،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރައްވާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް