ދިވެހީންގެ ލޭނާރުކަމުގައިވާ މަސްވެރިކަމުގެ ސިނާއަތުގައި އެޗްސީއެފްސީ ގޭސް ބޭނުންކުރުން ހުއްޓާލުމަށް އެހީތެރިވެދިނުމުގެ އެއްބަސްވުމުގައި އެންވާރަމެންޓް މިނިސްޓްރީ އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާ ދެމެދު ސޮއިކޮށްފިއެވެ.
މިއަދު އެންވާރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޒިޔާދެވެ. މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދުލީ އިސްމާއީލެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު ޒިޔާދު ވިދާޅުވީ އެޗްސީއެފްސީ ބޭނުން ކުރުން ހުއްޓާލުމަށް ގައުމީ ފެންވަރުގައި ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން މަސްވެރިކަމުގެ ދާއިރާގައި އެގޭސް ބޭނުންކުރުން ހުއްޓާލުމުގެ މަސައްކަތަކީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ.
"ދުނިޔޭގެ ފެންވަރުގައި ވެސް އެންމެ ކާމިޔާބު އެއް މުއާހަދާކަމަށް ބެލެވެނީ މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓޭންޓަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރުގެ ދަށުން ކުރާ ހުރިހާ މަސައްކަތްތައް. ތިމާވެއްޓާ ރަށްޓެހި ގޮތަކަށް މަސްވެރިކަން ކުރަން އެބަ ޖެހޭ،" އޭނާ ވިދާޅުވިއެވެ.
އެ އެއްބަސްވުމަށްފަހު މަސްވެރިކަމުގެ ދާއިރާގައި ބޭނުންކުރާ އެޗްސީއެފްސީ އިކުއިޕްމަންޓްސްގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހިތަކެތި ބޭނުންކުރަން ފަށާނެ ކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެޗްސީއެފްސީ ބޭނުންކުރާ އިކުއިޕްމަންޓްގެ ބަދަލުގައި ތިމާވެށްޓާ ރައްޓެހި (ގްލޯބަލް ވަރމިންގ ޕޮޓެންޝިއަލް ދަށް) އިކުއިޕްމަންޓްތައް ގަތުމަށް މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެކަމަށެވެ.
އެ މަސައްކަތަށް ޖުމްލަ 2.4 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ޔޫއެންޑީޕީގެ ފަރާތުން މިފްކޯ އަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.