އޯޒޯން ފަށަލަ އަށް ގެއްލުންދޭ މާއްދާތަކާ ބެހޭ މައުލޫމާތުދީފި

ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިވި ކަސްޓަމްސްގެ މުވައްޒަފުން--- ފޮޓޯ/ އެންވާރަމަންޓް މިނިސްޓްރީ

އޯޒޯން ފަށަލަ އަށް ގެއްލުންދޭ މާއްދާތަކާ ގުޅޭ މައުލޫމާތު ކަސްތަމްސް އޮފިސަރުންނަށް ދިނުމަށް ބޭއްވި ޓްރެއިނިން ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓްދީފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ކަސްޓަމްސް ސާވިސް ގުޅިގެން، ކަސްޓަމްސްގެ އޮފިސަރުންނަށް އަމާޒުކޮށްގެން ބޭއްވި ޓްރެއިނިން އަކީ އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށް ދިޔަ ޓްރެއިނިން އެކެވެ.

އިއްޔެ ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދީފައި ވަނީ އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޒިޔާދެވެ.

އެންވާރަމަންޓް މިނިސްޓްރީ އިން ބުނީ އެ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ކޮންޓްރޯލް ކޮށްފައިވާ ނުވަތަ މަނާ ކޮށްފައިވާ، އޯޒޯން ފަށަލަ އަށް ގެއްލުންދޭ މާއްދާތައް އެތެރެ ކުރުމުގައި ގެންގުޅެން ޖެހޭ އުސޫލުތަކަށް ކަސްޓަމްސް އޮފިސަރުން އަހުލުވެރިކޮށް ތަމްރީނު ކުރުން ކަމަށެވެ.

މޮންޓްރިއަލް ޕްރޮޓޮކޯލްގައި ބަޔާން ކޮށްފައިވާ ކަންކަން ރާއްޖެ އިން ތަންފީޒު ކުރުމަށާއި އެ ޕްރޮޓޮކޯލްއަށް ގެންނަ އިސްލާހު، ކިގާލީ އެމެންޑްމަންޓް، ރާއްޖޭގައި ތަސްދީގުކުރުމާ ބެހޭ ގޮތުން ކަސްޓަމްސްގެ މުވައްޒަފުންނަށް މައުލޫމާތު ދިން ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

އެ މިނިސްޓްރީ އިން ބުނީ އޯޒޯން ފަށަލަ އަށް ގެއްލުންދޭ މާއްދާތަކާ އަދި އެފަދަ ތަކެތި އެތެރެ ކުރުން ކޮންޓްރޯލް ކުރުމުގައި އެންފޯސްމަންޓް އޮފިސަރުންގެ ޒިންމާގެ މައްޗަށް ވެސް ނިމިގެން ދިޔަ ޓްރެއިނިން ޕްރޮގްރާމުގައި މައުލޫމާތު ދިން ކަމަށެވެ.

comment ކޮމެންޓް