އޯޒޯން ދުވަހާ ގުޅިގެން "އޯޒޯން2ކްލައިމެޓް"ގެ ނަމުގައި ސަރަހައްދީ ފެންވަރުގެ އާޓު މުބާރާތެއް

މިއަހަރު ދުނިޔޭގެ އޯޒޯން ދުވަހުގެ މުނާސަބަތުގައި ޔުނައިޓެޑް ނޭޝަންސް އެންވައިރަމަންޓް ޕްރޮގްރާމް (ޔޫއެންއީޕީ) އޯޒޯންއިން "އޯޒޯން2ކްލައިމެޓް އާޓް ކޮންޓެސްޓު"ގެ ނަމުގައި ސަރަހައްދީ ފެންވަރުގެ މުބާރާތެއް ފަށައިފިއެވެ.

މި ސަރަހައްދުގެ 30އަށް ވުރެ ގިނަ ގައުމުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ މައިގަނޑު އަމާޒަކީ އޯޒޯން ފަށަލަ ތުނިވަމުން ދިއުމާއި އޭގެ ސަބަބުން އަންނަ މޫސިމީ ބަދަލުތަކަށް ހޭލުންތެރި ކުރުވުމެވެ.

މި މުބާރާތުގައި ފޮޓޯގްރަފީ، ކުރެހުން އަދި ގްރެފިކް ޑިޒައިނިން މި ތިން ކެޓެގަރީގެ ދަށުން ފަންނުތައް ހުށައެޅުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

އެ ކެޓަގަރީތަކަށް ފަންނުތައް ހުށަހެޅުމުގެ ފުރުސަތު ދެ އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 15 އަހަރުން ދަށުގެ ޔޫތު ކެޓަގަރީއާއި 15 އަހަރުން މަތީގެ ޖެނެރަލް ކެޓަގަރީއެވެ. ޔޫތު ކެޓަގަރީގެ ދަށުން މުބާރާތުގައި ބައިވެރިވެވޭނީ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލިއުމަކާ އެކުގައެވެ.

މިއަހަރުގެ ތީމްއެއްގެ ގޮތުގައި ކަނޑައަޅައިފައިވަނީ "މޮންޓްރިއަލް ޕްރޮޓޮކޮލް؛ ކީޕިންގް އަސް، އަވާ ފުޑް އެންޑް ވެކްސިންސް ކޫލް" އެވެ.

އެ މުބާރާތަށް ފަންނުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އަހަރުގެ މާޗު 30ވާ ބުދަ ދުވަހުގެ 22:00ގެ ނިޔަލަށް އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށެވެ. މި ލިންކު މެދުވެރިކޮށް މުބާރާތުގައި ރަޖިސްޓްރީ ވެވޭނެއެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއެއްގެ މައްޗަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ ކުރިއަށްދާނީ ގައުމީ ފެންވަރުގައި ވާދަކުރާ ގޮތަށެވެ. އަދި އެ މަރުހަލާގައި އެންމެ މަތީ ވަނަ ހޯދާ ފަރާތްތަކަށް ސަރަހައްދީ ފެންވަރުގައިއެހެން ގައުމުތަކާ ވާދަ ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މުބާރާތުގެ ކޮންމެ ކެޓެގަރީއަކުން އެންމެ މޮޅު އެއް ކުއްޖަކާއި ފަސް ރަނަރަޕް ހޮވަން ވަނީ ހަމަޖެހިފައެވެ. އަދި ވަނަވަނައަށް ހޮވޭ ކުދިންނަށް ޔޫއެންއީޕީގެ ފަރާތުން ޓްރޮފީއެއް ނުވަތަ ސެޓްފިކެޓެއް ދޭނެއެވެ.

"ހޮނަރަބަލް މެންޝަން" ގެ ނަމުގައި އިތުރު އެވޯޑެއް ވެސް ގައުމީ ފައިނަލިސްޓުންގެ މެދުގައި ހޮވާނެއެވެ. އަދި ކޮންމެ ގައުމަކުންވެސް، އެ ގައުމަކުން ވަނަ ހޯދި ފަރާތެއް 2022 ވަނަ އަހަރު ދުނިޔޭގެ އޯޒޯން ދުވަހު ޕްރޮމޯޓް ކުރަން ޖެހޭނެއެވެ.

މި މުބާރާތަކީ ރާއްޖޭގައި ތިބި ތަފާތު ހުނަރުތަކުން ކުރިއަރަން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތަކަށް ވެގެންދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް