އައިއެންއައިއޭ އިން ވިއްކާ ޖެޓް ފިއުލްގެ އަގު އަނެއްކާ ވެސް ހެޔޮކޮށްފި

އެއާޕޯޓެއްގައި ތެޔޮއަޅާ އުޅަނދެއް ފްލައިޓަކާ ގާތްކޮށްފައި: އެމްއޭސީއެލް އިން ވަނީ ޖެޓް ފިއުލްގެ އަގު އަނެއްކާ ވެސް ދަށްކޮށްފައި --- ފޮޓޯ/ ގޫގުލް

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ވިއްކަމުން އަންނަ ޖެޓް ފިއުލްގެ އަގު އަނެއްކާ ވެސް ހެޔޮކޮށްފި އެވެ.

އައިއެންއައިއޭ ފިއުލް ސާވިސަސްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ނިޔާޒު މިއަދު "ސަން" އަށް ވިދާޅުވީ، މިއަދުން ފެށިގެން ޖެޓް ފިއުލް ލީޓަރެއް އިންޓަނޭޝަނަލް ފްލައިޓްތަކަށް ވިއްކާނީ 0.63 ސެންޓް ނުވަތަ 9.78 ރުފިޔާއަށް ކަމަށެވެ. މީގެ ކުރިން ޖެޓް ފިއުލް ލިޓަރެއް އިންޓަނޭޝަނަލް ފްލައިޓްތަކަށް ވިއްކީ 0.67 ސެންޓް ނުވަތަ 10.33 ރުފިޔާ އަށެވެ. އެހެންކަމުން މިއީ ލީޓަރަކުން 55 ލާރި ކުޑަ އަދަދެކެވެ.

ނިޔާޒް ވިދާޅުވީ މީގެ ކުރިން ކުރިން 0.67 ސެންޓް ނުވަތަ 10.33 ރުފިޔާ އަށް ޑޮމެސްޓިކް ފްލައިޓްތަކަށް ވިއްކި ޖެޓް ފިއުލް ލީޓަރެއް މިހާރު ވިއްކަނީ 0.64 ސެންޓް ނުވަތަ 9.88 ރުފިޔާ އަށެވެ. މއެއީ 45 ލާރީގެ ދަށް އަދަދެކެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނެރުނު ސާކިއުލާއެއްގައިވާ ގޮތުން އެ އަގުތަކުގައި ޖެޓް ފިއުލް ވިއްކަނީ ވަގުތުން ފައިސާ ދައްކާ ފަރާތްތަކަށެވެ. އަދި އެ ފައިސާ ބޯޓް ފުރުމުގެ ކުރިން، އެ ކުންފުންޏަށް ދައްކަން ޖެހޭނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެ އެވެ.

މަތިންދާބޯޓަށް އަޅާ ތެލުގެ އަގު މި އަހަރުގެ ޖެނުއަރީން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް 21.17 ޕަސެންޓް އެ ކުންފުނިން ވަނީ އަގުހެޔޮކޮށްފަ އެވެ.

comment ކޮމެންޓް