ޗަޑްގައި އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި 27 މީހުން މަރުވެއްޖެ

ޗަޑް: އެ ގައުމުގައި މިއަދު ދިން ހަމަލާގައި 27 މީހުން މަރުވެ 80 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވޭ-

އެފްރިކާގެ ގައުމެއް ކަމަށްވާ ޗަޑުގައި އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި 27 މީހުން މަރުވެ 80 އަށް ވުރެ ގިނަ މީހުން ޒަހަމް ވެއްޖެ އެވެ.

އެ ގައުމުގެ ލޭކް ޗަޑް ސަރަހައްދުގެ ރަށެއް ކަމަށްވާ ކަލްފުއާގައި އަމިއްލައަށް މަރުވެގެން ބޮން ގޮއްވާލާފައި ވަނީ ތިން އަންހެނުން ކަމަށް އެ ގައުމުގެ ފުލުހުން މައުލޫމާތު ދެއެވެ.

އެ ރަށުގެ މާރުކޭޓެއްގެ ތަފާތު ތިން ސަރަހައްދަކަށް އަމާޒުކޮށް ދިން އެ ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައި ނުވި ނަމަވެސް ތުހުމަތުގެ އިނގިލި އަމާޒު ވަނީ ހަރުކަށި ބޯކޯ ހަރާމް ޖަމާއަތަށެވެ.

އެ ޖަމާއަތުން ވަނީ މީގެ ކުރިންވެސް އެ ސަރަހައްދުގެ ބައެއް ހިސާބުތަކަށް އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާތަކެއް ދީފައެވެ.

އެގޮތުން ވޭތުވެދިޔަ ނޮވެމްބަރު މަހު އެ ސަރަހައްދުގެ ންގޫބުއާ އަވަށަށް ދިން ފިދާވުމުގެ ހަމަލާއެއްގައި ތިން މީހުން މަރުވެފައިވާ އިރު، އޮކްޓޯބަރު މަހު އެ ސަރަހައްދުގެ ބަގާ ސޯލާ ނަމަކަށް ކިޔާ އަވަށަކަށް ދިން އެ ފަދަ ހަމަލާއެއްގައި 36 މީހުން ވަނީ މަރުވެފައެވެ.

އެ ސަރަހައްދުގައި އެފަދަ ހަމަލާތައް އާއްމުވުމުގެ ސަބަބުން ޗަޑްގެ ސަރުކާރުން ވަނީ އެ ސަރަހައްދުގައި ކުއްލި ހާލަތުވެސް އިއުލާން ކޮށްފައެވެ.

ބޯކޯ ހަރާމް އިން ވޭތުވެދިޔަ ހަ އަހަރު ދުވަހު ހިނގީ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 20،000 ހާ މީހުން ވަނީ މަރުވެފައެވެ. (އޭޕީ)

comment ކޮމެންޓް