ބޯކޯ ހަރާމްއިން ދިން ހަމަލާއަށް ފަހު 110 ސްކޫލު ކުދިން ވަނީ ގެއްލިފައި: ނައިޖީރިއާ

ގެއްލިފައިވާ ސްކޫލު ކުދިންގެ އާއިލާގެ މެމްބަރުން -- ފޮޓޯ: ރޮއިޓާސް

އަބޫޖާ (ފެބްރުއަރީ 26): ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމްއިން މިދިޔަ ހަފްތާގައި ނައިޖީރިއާގެ ސްކޫލަކަށް ދިން ހަމަލާއަށް ފަހު އެސްކޫލުގެ 110 އަންހެން ކުއްޖަކަށްވީ ގޮތެއް އަދި ވެސް އެނގިފައި ނުވާ ކަމަށް ދައުލަތުގެ މީޑިއާ އިން ބުނެފި އެވެ.

ބޯކޯ ހަރާމްއިން މިދިޔަ ހޯމަ ދުވަހު އެހަމަލާ ދިނީ ޑަޕްޗީ ކިޔާ އަވަށެއްގައި ހުންނަ ގަވަމެންޓް ސައިންސް އެންޑް ޓެކްނިކަލް ކޮލެޖަށެވެ. އެ ހަމަލާ ދިން ވަގުތު ސްކޫލުގައި 906 ދަރިވަރުން ތިބި ކަމަށް ނައިޖީރިއާގެ އިންފޮމޭޝަން އެންޑް ކަލްޗާ މިނިސްޓަރު އަލްހާޖީ ލައި މުހައްމަދު ވިދާޅުވި އެވެ.

މިނިސްޓަރު މުހައްމަދު ވިދާޅުވި ގޮތުގައި އެގައުމުގެ ފުލުހުންނާއި އެއާފޯސް އިން ގުޅިގެން ދަނީ ގެއްލިފައިވާ ސްކޫލު ކުދިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މީގެ ކުރިން 2014 ވަނަ އަހަރު ވެސް ބޯކޯ ހަރާމް އިން ވަނީ ސްކޫލަކަށް އެފަދަ ހަމަލާއެއް ދީފަ އެވެ. އެ ހަމަލާގައި އެޖަމާއަތުން ވަނީ 276 އަންހެން ދަރިވަރުން ވަގަށް ނަގައިފަ އެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއްބައި ކުދިން އަދި ވެސް ހޯދިފައި ނުވެ އެވެ.

ބޯކޯ ހަރާމްއިން ނައިޖީރިއާގައި އަމިއްލަ ދައުލަތެއް ބިނާ ކުރަން އެގައުމަށް ހަމަލާތައް ދޭން ފެށީ 2009 ވަނަ އަހަރުގަ އެވެ. އެހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު 20،000 އަށް އަރާ ކަމަށް ނައިޖީރިއާ އިން ބުނެ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް