ބޯކޯ ހަރާމްއިން ރަހީނު ކުރި 13 މީހަކު ދޫކޮށްލައިފި

ބޯކޯ ހަރާމްއިން ދިން ހަމަލާތަކުގައި އެތައް ހާސް މީހުން މަރުވެފައިވޭ -- ފޮޓޯ: އޭއެފްޕީ

އަބޫޖާ (ފެބްރުއަރީ 11): ނައިޖީރިއާގެ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމްއިން މިދިޔަ އަހަރު ރަހީނު ކުރި 13 މީހަކު އިއްޔެ ދޫކޮށްލައިފި ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

ނައިޖީރިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ބޯކޯ ހަރާމް އިން އެމީހުން ހިފެހެއްޓީ އެގައުމުގެ އުތުރުގައި އޮންނަ ބޯނޯ ސްޓޭޓަށް ދިން ހަމަލާއެއްގައެވެ. އަދި އެހަމަލާގައި އެޖަމާއަތުން ރަހީނު ކުރި މީހުންގެ ތެރޭގައި ފުލުހުންނާއި ޔުނިވާސިޓީއެއްގެ ލެކްޗަރާއިންވެސް ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

މީގެ ކުރިން ނައިޖީރިއާގެ ފުލުހުން ވަނީ ބޯކޯ ހަރާމްއިން އެމީހުން ރަހީނު ކުރި ކަމަށް ބުނާ ރިޕޯޓުތައް ދޮގުކޮށްފައެވެ. ނަމަވެސް ފަހުން އެޖަމާއަތުން ވަނީ ރަހީނު ކުރި މީހުންގެ ވީޑިއޯއެއް އާއްމުކޮށްފައެވެ.

ނައިޖީރިއާގެ ރައީސްގެ އޮފީހުން ބުނި ގޮތުގައި އެމީހުން ދޫކޮށްލާފައި ވަނީ ރައީސް މުހައްމަދު ބުހާރީގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދިޔަ މަޝްވަރާތަކަށް ފަހުގައެވެ. އަދި އިންޓަނޭޝަނަލް ކޮމިޓީ އޮފް ދި ރެޑް ކްރޮސް (އައިސީއާރުސީ)ން ވަނީ އެމަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާކޮށްފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އައިސީއާރުސީން ވަނީ ބޯކޯ ހަރާމްއިން އިއްޔެ ދޫކޮށްލި މީހުންގެ ހާލު ރަނގަޅު ކަމަށް ބުނެފައެވެ.

ނައިޖީރިއާގެ އިރު އުތުރުގައި 'އިސްލާމީ ހިލާފަތެއް' އުފެއްދުމަށް މަސައްކަތް ކުރަމުންދާ ބޯކޯ ހަރާމް އިން ވަނީ އެތައް ހާސް މީހުން ވަގަށް ނަގައިފައެވެ. އަދި އެޖަމާއަތުން ވަނީ 30،000ށް ވުރެ ގިނަ މީހުން މަރާފައި ކަމަށް ވެސް ސަރުކާރުން ބުނެއެވެ. (ބީބީސީ)

comment ކޮމެންޓް