ބޯކޯ ހަރާމްގެ ލީޑަރު މަރުއްވެއްޖެ: އިދިކޮޅު ހަނގުރާމަވެރިން

ބޯކޯ ހަރާމްގެ ލީޑަރު އަބޫބަކުރު ޝެކާއު -- ފޮޓޯ: އޭއެފްޕީ

އަބޫޖާ (ޖޫން 7): ނައިޖީރިއާގެ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމްގެ ލީޑަރު އަބޫބަކުރު ޝެކާއު އަމިއްލައަށް މަރުވެއްޖެ ކަމަށް އިދިކޮޅު ހަނގުރާމަވެރި ޖަމާއަތަކުން ބުނެފި އެވެ.

ނައިޖީރިއާގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓްގެ ގޮފި، އިސްލާމިކް ސްޓޭޓް ވެސްޓް އެފްރިކާ ޕްރޮވިންސް (އައިއެސްޑަބްލިޔުއޭޕީ)އިން އާއްމު ކުރި އޯޑިއޯ ރެކޯޑިންއެއްގައިވާ ގޮތުން އެ ޖަމާއަތާއި ބޯކޯ ހަރާމްއާ ދެމެދު ހިނގި ތަޅާފޮޅުމެއްގައި އެމީހުން ޝެކާއު ހިފެހެއްޓި އެވެ. އަދި އެއަށް ފަހު އޭނާ ބޮން ގޮއްވާލައިގެން އަމިއްލައަށް މަރުވީ އެވެ.

ޝެކާއު މަރުވި ކަމަށް ބޯކޯ ހަރާމް އިންް ނުވަތަ ނައިޖީރިއާގެ ސަރުކާރުން ވެސް އަދި ބުނެފައި ނުވެ އެވެ.

މީގެ ކުރިންވެސް ޝެކާއު މަރުވި ކަމަށް އެކި ފަހަރު މަތިން ރިޕޯޓުކޮށްފައިވެ އެވެ. އެގޮތުން މިދިޔަ މަހުވެސް އޭނާ މަރުވި ކަމުގެ ރިޕޯޓުތައް ފެތުރުމުން އެކަން ތަހުގީގު ކުރާނެ ކަމަށް ނައިޖީރިއާގެ އަސްކަރިއްޔާއިން ބުންޏެވެ.

ދެހާސްނުވަ ވަނަ އަހަރު ޝެކާއު ބޯކޯ ހަރާމްގެ ލީޑަރު ކަމާ ހަވާލުވި ފަހުން އެ ޖަމާއަތުން ދިން ހަމަލާތަކުގައި 30،000 އަށް ވުރެ ގިނަ މީހުން މަރުވެ، ދެ މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ނެތިފައިވެ އެވެ.

އެމެރިކާ އިން ވަނީ ޝެކާއު އަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅާ، އޭނާގެ ބޮލަށް ހަތް މިލިއަން ޑޮލަރު ހުށަހަޅާފަ އެވެ.

comment ކޮމެންޓް