އައްޑޫ ސިޓީގެ ގަމުގައި 300 ކޮޓަރީގެ ސިޓީ ހޮޓަލެއް އެޅުމަށް ސަރުކާރުން ނިންމައިފި އެވެ.
"ސަން" އާ ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވީ ދާދިފަހުން އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ބައެއް އިންވެސްޓަރުންނާ އެކު އެކަމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާނެ ކަމަށާއި މިހާރު އެކަން އޮތީ ފައިނަލް ކުރެވޭ ހިސާބުގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތަކީ އައްޑޫ ސިޓީގައި އެނދުގެ ކެޕޭސިޓީ އިތުރުކުރެވޭނެ ގޮތްތައް ފަހިކުރުން ކަމަށެވެ. އެކަން ކުރުމުގެ މުހިންމުކަމަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތް ނިމިފައިވީ ނަމަވެސް އިތުރު ފްލައިޓުތައް އައްޑޫއަށް ގެންދެވެން އޮތީ އެނދުގެ ކެޕޭސިޓީ އިތުރުކޮށްގެން ކަމުގައިވާތީ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
"ބައެއް އެއާލައިންތަކާ ވާހަކަދައްކަމުން މިދަނީ ޝެޑިއުލް ފްލައިޓުތައް ވެސް މިތަނަށް ގެނެވޭތޯ. ސްރީލަންކަން އެއާލައިންސްއާ އެ ވާހަކަ ދެކެވެމުން އެބަދޭ. އަޅުގަނޑަށް ހީވަނީ ކައިރި މިސްތަގުބަލެއްގައި އެކަން ވެސް ކާމިޔާބު ކުރެވިދާނެހެން. އިތުރު މަތިންދާ ބޯޓުތައް ގެންނައިރު ކުރިމަތިވާ އެންމެ ބޮޑު މައްސަލަ އަކީ އެނދުގެ އަދަދު. އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" އައްޑޫ ސިޓީގައި މިހާރު ހުންނެވި ޒަމީރު ވިދާޅުވި އެވެ.
އިތުރު ފްލައިޓުތައް އައްޑޫ ސިޓީ އަށް އޮޕަރޭޓް ކުރާނަމަ އިތުރު 4،000 އެނދު ބޭނުންވާނެ ކަމަށާއި އެކަން ހައްލުކުރުމަށްޓަކައި ގަމުގައި ހުރި އީކުއޭޓާ ވިލެޖާއި ދޫގަސް ގެސްޓުހައުސްގެ އެނދުގެ ޖާގަ އިތުރުކުރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް ޒަމީރު ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ ހަންކެނޑޭގައި ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އަވަސްކުރެވޭތޯ ކުރެވެން ހުރި މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހަންކެނޑޭގައި ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ސިންގަޕޫރުގެ ކްރެސެންޑާޒް ކުންފުނިން ބުނެފައި ވަނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. ނަމަވެސް މިއަދާހަމައަށް ވެސް އެ މަސައްކަތް ފެށިފައެއް ނުވެއެވެ.
އެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ތެރޭގައެވެ.