އަދިވެސް ޔޫރަޕްގެ ޓީމަކަށް ކޯޗުކޮށްދޭން ބޭނުންވާކަމަށް ރެއާލް ސޮސައިޑޭޑް ގެ ކުރީގެ ކޯޗު ޑޭވިޑް މޮއިސް ބުނެފި އެވެ.
ބީބީސީ އަށް ދިން އިންޓަވިއު އެއްގައި މޮއިސް ބުނީ އޭނާ ބޭނުން ވަނީ ސުޕެއިން ގެ ޓީމަކަށް ކޯޗު ކޮށްދޭން ކަމަށާއި އެ ކަމަށް އޭނާ ވަނީ ކެތްމަދުވެފައި ކަމަށެވެ.
"އަހަރެން ބޭނުންވާ ކުލަބަކުން ރަނގަޅު ހުށެހެޅުމެއް ލިބިއްޖެ ނަމަ މިހާރުވެސް ހަމަ ތާއްޔާރަށް މިހުރީ އެ ޓީމަކަށް ދާން." ސޮސައިޑޭޑް ގެ ކޯޗްކަމާއި ހަވާލުވިތާ އެއް އަހަރު ފުރެން އެއް ދުވަހަށް ވެފައި ވަނިކޮށް ނޮވެމްބަރު 10 ވަނަ ދުވަހު އެ ޓީމްގެ ކޯޗްކަމުން ވަކި ކޮށްފައިވާ މޮއިސް ބުންޏެވެ.
މޮއިސް ސޮސައިޑޭޑް ގެ ކޯޗު ކަމުން ވަކިކުރި އިރު އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު 42 މެޗަގެ ތެރެއިން މޮޅުވެފައި ވަނީ 12 މެޗުންނެވެ. އަދި 15 މެޗުން ބަލިވެ ރެލީގޭޝަނަށް ނުގޮސް 16 ވަނާގައި އޮތީ އެންމެ ގޯލެއްގެ ތަފާތުންނެވެ.
އެވަޓަންގައި 11 އަހަރު ހޭދަކުރުމަށް ފަހު، މެންޗަސްޓާ ޔުނައިޓެޑް ކޯޗުކަމާ ހަވާލުވެ ޔުނައިޓެޑަށް ވެސް އެކަށިގެންވާ ކާމިޔާބީއެއް ހޯދައިނުދެވި މޮއިސް ވަނީ އެ ޓީމްގެ ކޯޗު ކަމުން ވެސް ވަކިކޮށްފައެވެ. އޭނާ ބުނީ ޕުރިމިއާ ލީގާ ޚިލާފަށް ސުޕެނިޝް ލީގުގައި ހިމެނެނީ މޮޅެތި ވަރުގަދަ ޓީމްތަކެއް ކަމަށެވެ.
"ވަރަށް ގިނަ ތަޖުރިބާ ތަކެއެ ދެ ލީގުން ވެސް ލިބެއްޖި. އެ ތަޖުރިބާ ތަކުން ވަރަށް ގިނަ ފިލާވަޅު ތަކެއްވެސް ލިބެއްޖެ. އެހްނެ ކަމަން ކުރިއަށް މުސްތަގްބަލްގައި އޭގެ ރަނގަޅު ފައިދާ އަހަރެންނަށް ކުރާނެ،" މޮއިސް ބުންޏެވެ.
މޮއިސް ބުނީ ސުޕެނިޝް ލީގުގާއި ޕުރިމިއާ ލީގު އަޅައިކިއުމަކީ ވަރަށް އުދަނގޫ ކަމެއް ކަމަށާއި އެންމެ މޮޅެތި ކުޅުންތެރިން ތިބީ ސުޕެއިން ލީގްގައި ކަމަށެވެ.