މީހަކު މަރައިގެން މަރަން ކުރާ ހުކުމްތައް ތަންފީޒު ކުރަން ގައުމުގެ ރައީސްގެ މަގާމުގައި ހުއްނަ މީހާގެ މައްޗަށް ލާޒިމް ވާނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
ހައިކޯޓުން އޮގޮތަށް ކަނޑައަޅާފައި ވަނީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 21 ވަނަ މާއްދާއާއި ފަސް ވަނަ މާއްދާގެ (ހ) ބާތިލްކޮށްދިނުމަށް އެދި ފަސް މީހެއްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މިއަދު އިއްވި ހުކުމްގައެވެ.
އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ ހއ. އިހަވަންދޫ އަންބަރީގޭ އަބްދުލްމާނިއު ހުސައިނާއި ސ. ހިތަދޫ ބާޒީގޭ ހުސައިން ޝަހީދާއި ޅ. ނައިފަރު ނަސީމާ މަންޒިލް އަބްދުﷲ ޝިޔާޒާއި ގދ. ގައްދޫ ބޯޅަދަނޑުގޭ އަބްދުﷲ ނަސީރުގެ އިތުރުން ހދ. ކުރިނބީ ރަންކޮކޯ ހަސަން ވަހީދެވެ.
ބާތިލުކޮށްދިނުމަށް އެދުނު މަރުގެ އަދަބު ލުއިކޮށްދޭ މާއްދާގައި ވަނީ މީހެއްގެ މައްޗަށް ސުޕްރީމް ކޯޓުން މަރުގެ ހުކުމެއް އިއްވައިފި ނަމަ ނުވަތަ ދަށު ކޯޓުން ނުވަތަ ހައި ކޯޓުން މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަކަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި ނަމަ އެ ހުކުމް އުމުރަށް ޖަލަށްލުމުގެ އަދަބަކަށް ބަދަލުކުރުމުގެ ބާރު ރައީސަށް ލިބިގެންވާ ކަމަށެވެ.
އެމައްސަލާގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ގަސްތުގައި މީހަކު މަރައިގެން މަރަން ހުކުމް ކުރާ މީހަކަށް ޝަރުއީ އަދި ގާނޫނީގޮތުންވެސް މާފުދެވެން ނޯނާނެ ކަމަށެވެ. ނަމަވެސް އެހެން ކުށްތަކުގައި މަރުގެ އަދަބު ދިނުމަށް ކުރާ ހުކުމަށް މާފު ދިނުމުގެ ބާރު މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދެވޭ ކަމަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
ގަސްދުގައި މީހަކު މަރާލައިފި މީހާގެ އަދަބީ ގިސޯސްހިފުން ކަމުގައި ކަނޑައަޅާފައި ވަނީ ކީރިތިގުރުއާނުގައެވެ. ޓެރަރިޒަމްގެ ކުށުގައި ވެސް މަރުގެ އަދަބު ދެވޭނެ ކަމަށް ޓެރަރިޒަމްގެ ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.
ބާތިލުކޮށްދިނުމަށް އެދުނު މަރުގެ އަދަބު ލުއިކޮށްދޭ މާއްދާ ބާތިލު ކުރެވެން ނެތް ކަމަށް އެމައްސަލަ ބެއްލެވި ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން ވަނީ އިއްތިފާގުވެފަ އެވެ. އެގޮތަށް ނިންމާފައި ވަނީ މީހުން މަރައިގެން މަރަން ހުކުމް ކުރެވޭ މައްސަަލަތަކުގެ އިތުރުން އެހެން ބައެއް މައްސަލަ ތަކުގައިވެސް މަރަން ހުކުމް ކުރެވޭގޮތަށް ގާނޫނުގައި ބުނެފައިވާތީ ކަމަށް ހުކުމުގައިވެ އެވެ.
ހައިކޯޓުގެ ހުކުމުގައި ވާގޮތުން މީހަކު މަރައިގެން މަރަން ހުކުމް ކުރާ މީހެއްގެ ހުކުމް ތަންފީޒު ކުރަން ޝަރުއީ އަދި ގާނޫނީގޮތުންވެސް ދައުލަތުގެ ވެރިއަކަށް ހުއްނަ މީހާގެ މައްޗަށް ލާޒިމްވާނެ އެވެ.
ެފަނޑިޔާރު އަބްދުއް ރައުފް އިބްރާހިމް އިސް ފަނޑިޔާރުކަން ކުރެއްވި އެމައްސަލައިގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ދީދީއާއި ފަނޑިޔާރު އަބްދުﷲ ހަމީދުއާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ސުޖާއު އުސްމާނު އެވެ.