އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބީޖީ ސްޕޯޓްސް އަތުން 4-1 އިން މޮޅުވެ ތާވަލުގެ އެއް ވަނަ މަގާމަށް ވަގުތީ ގޮތުން ޓީސީ ސްޕޯޓްސް އަރައިފި އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ބީޖީ ސްޕޯޓްސްއާ ދެކޮޅަށް ޓީސީ ބައްދަލު ކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ މޮޅާއެކު ޓީސީ 27 ޕޮއިންޓާ ހޯދައިގެން އެއް ވަނައިގައި އޮތްއިރު ނިއުރޭޑިއަންޓް ދެ ވަނައިގައި އޮތީ 26 ޕޮއިންޓާ އެކުގަ އެވެ. ނަމަވެސް މިރޭ ވިކްޓަރީ އަތުން ނިއު ރޭޑިއަންޓް މޮޅުވެއްޖެނަމަ އެ ޓީމަށް އަލުން އެއް ވަނަ ލިބޭނެ އެވެ. މިއަދުގެ މެޗުން ބަލިވި ބީޖީ އޮތީ 12 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
މިއަދު ހަވީރު ކުޅުނު މެޗު ޓީސީ ކާމިޔާބުކުރިއިރު އެ ޓީމްގެ ފަރާތުން ވަނީ ހަލުވި މޮޅުކުޅުމެއް ފެނިގެން ގޮސްފަ އެވެ. މެޗުގެ 41 ވަނަ މިނެޓްގައި ޓީސީއަށް ލީޑު ނަގައިދިނީ ނާއިޒް ހަސަންއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައި ވަނީ ބީޖީގެ ކީޕަރު އިބްރާޙިމް އިފްރާހު އަރީފް ކަޓުވާލުމަށްފަހު އެވެ.
ދެ ވަނަ ހާފު ފަށައިގެން 52 ވަނަ މިނެޓުގައި ޓީސީގެ ލީޑު ފުޅާކޮށް ދިނީ އަލީ ނާފިއު (ކަޅޭ) އެވެ. ކެޕްޓަން ޔާމީން އިބްރާހިމް ދިން ބޯޅަ އޭނާ ގޯލް ތެރެއަށް ވައްދާލީ ކީޕަރު އަތްދަށުންނެވެ. އޭގެ ހަ މިނެޓު ފަހުން އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅައެއް ގޯލް ތެރެއަށް ވައްދާލައިގެން ކަޅޭ ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައި ލީޑް ފުޅާކޮށްދީފަ އެވެ.
ބީޖީގެ ހަމައެކަނި ގޯލް 68 ވަނަ މިނެޓުގައި ކާމިޔާބުކުރީ ސްޕެއިން ފޯވާޑް ޑޭވިޑް ކަރްމޯނާ އެވެ. ޓީސީގެ ހަތަރު ވަނަ ލަނޑު އިތުރު ވަގުތުގެ ތެރޭ ޖެހީ ބަދަލު ކުޅުންތެރިޔާ އަލީ ހާފިޒެވެ. އޭނާ މި ގޯލް ޖެހީ ކީޕަރު ކައިރިން ނައްޓާލުމަށް ފަހު އެވެ.
އެ ލަނޑު ބީޖީން ކާމިޔާބުކުރުމުގެ ކުރިން ޓީސީއަށް ވަރަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ބީޖީގެ ކީޕަރު އިފްރާހު ކަޓުވާލުމަށްފަހު އަހްމަދު ނިޒާމް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ.
މެޗުގައި ޓީސީން ކާމިޔާބު ކުރި ހަތަރު ވަނަ ލަނޑު ފެނިގެން ދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގަ އެވެ. އެ ލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ އަލީ ހާފިޒް އެވެ. އޭނާ މިލަނޑު ކާމިޔާބުކޮށްފައިވަނީ ބީޖީގެ ކީޕަރު އިފްރާހު ކައިރިން ނައްޓާލުމަށްފަހު ހުސްކޮށް އޮތް ގޯލްގެ ތެރެއަށްށެވެ.
ލީގްގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ. މިމެޗުން ނިއު މޮޅުވެގެން އަލުން ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެ ޓީމަށް ވަނީ ތަނަވަސް ވެފައެވެ.