ސީއެސްސީގެ މެމްބަރު ކަމަށް ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ކޮމެޓީން ފާސްކޮށްފި

މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ސަން ފައިލް ފޮޓޯ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމަށް ގއ. ވިލިނގިލީ ވައިޖެހޭގޭ ޝަހީދު މުހައްމަދު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފި އެވެ.

އެ ކޮމެޓީގެ މެމްބަރަކު މިއަދު ސަން އަށް ވިދާޅުވީ ސީއެސްސީގެ ހުސްވެފައިވާ މެމްބަރު ކަމަށް މަޖިލީހުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވީ ޝަހީދު އެކަނި ކަމަށެވެ. އަދި އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ.

ކޭޕަބިލިޓީ އާއި އެކްސްޕީރިއަންސާއި ލީޑާޝިޕް އެންޑް ވިޝަން އާއި އިންޓަގްރެޓީގެ އިތުރުން ހާސިލްކޮށްފައިވާ ތައުލީމާއި މަސައްކަތާ ހުރިގުޅުމުގެ ދާއިރާއިން މާކްސް ދެއްވިއިރު ޝަހީދަށް 88 ޕަސެންޓު މާކްސް ލިބިފައިވާ ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ.

ކަނޑައަޅާފައިވާ ދާއިރާތަކުން މެންބަރުން މާކްސް ދޭއިރު 75 ޕަސެންޓަށްވުރެ މަތިން ޖުމްލަ މާކްސް ލިބޭ ބޭފުޅަކީ އެމަގާމަށް ގާބިލު ބޭފުޅެއް ކަމަށް ކޮމެޓީން ކަނޑައަޅައެވެ.

"އެހެންވީމަ ޝަހީދު މުހައްމަދު ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރުމާ މެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުން،" މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މެމްބަރު ވިދާޅުވި އެވެ.

ސީއެސްސީގައި މިހާރު ތިއްބެވި މެމްބަރުންނަށް ބަލައިލާއިރު، އެ ކޮމިޝަންގެ ރައީސަކީ ޑރ. އަލީ ޝަމީމެވެ. ކޮމިޝަންގެ ނައިބު ރައީސަކީ ޖަމީލާ އަލީ ޚާލިދެވެ. ދެން އެ ކޮމިޝަންގައި ތިއްބަވާ ދެ މެމްބަރުނަކީ ރީނީ އަބްދުއްސައްތާރާއި ޒަކަރިއްޔާ ހުސައިނެވެ.

comment ކޮމެންޓް