ބެލްޖިޔަމަށާއި އީޔޫއަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ދިޔާނާގެ ނަން ފޮނުވައިފި

ކުރީގެ ބަންޑާރަނައިބު ފާޠިމަތު ދިޔާނާ ސަޢީދު: ދިޔާނާ ބެލްޖިޔަމަށާއި އީޔޫގެ ސަފީރުކަމަށް އައްޔަންކުރަން ވަނީ މަޖިލީހަށް ހުށަހަޅައިފައި ---

ބެލްޖިއަމަށާއި ވިލާތުގެ އިއްތިހާދަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ކުރީގެ ބަންޑާރަނައިބު ފާޠިމަތު ދިޔާނާ ސަޢީދު އައްޔަންކުރަން ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ސަފީރުކަމަށް ދިޔާނާ އައްޔަންކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިޔާނާގެ ނަން ފޮނުއްވީ އިއްޔެއެވެ.

ދިޔާނާގެ ނަން ދިރާސާކުރުމަށް ރިޔާސަތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިލައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި ސަރުކާރުގެ ވުޒާރާތަކަށް ގެނައި ބަދަލުތަކާއެކު، ދިޔާނާގެ އިތުރުން ކުރީގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރާއި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވަނީ މިދިޔަ އޭޕްރިލް މަހުގެ 26ވަނަ ދުވަހު އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފައެވެ.

އޭގެ ތެރެއިން އާދަމް ޝަރީފް ޤަތަރުގެ ސަފީރުކަމަށް، އަދި ޠާރިޤް އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ސަފީރުކަމަށް ވަނީ އައްޔަންކޮށްފައެވެ.

ދިޔާނާ ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ބަންޑާރަނައިބުކަން ކުރެއްވުމުގެ އިތުރުން ސާކް ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްކަމާއި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަންވެސް ކުރައްވައިފައެވެ.

comment ކޮމެންޓް