ނޫރު މަރާލި ކަމަށް ސާބިތުވެ މަރަން ހުކުމް ކުރި ކުއްޖާގެ މައްސަލަ އޮޓަމެޓިކުން އިސްތިއުނާފަށް

ޖުވެނައިލް ކޯޓު -- ސަންފައިލް ފޮޓޯ

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ކައިރިން ވަޅިން ހަމަލާދީ މަރާލި މާލޭ ދަފްތަރު 074 ނޫރު އާދަމް ހަސަންފުޅުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ދެ ކުދިންގެ ތެރެއިން އެކަކު މަރަން ކުރި ހުކުމް އޮޓަމެޓިކުން އިސްތިއުނާފަށް ގޮސްފި އެވެ.

ޖުވެނައިލް ކޯޓުން ބުނީ އޮޓަމެޓިކުން މައްސަލަ އިސްތިއުނާފަށް ގޮސްފައި ވަނީ އިސްތިއުނާފު ކުރަން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިނުވާތީ ކަމަށެވެ. އަދި މިހާރު އެ މައްސަލައިގެ ލިޔުންތައް ހައިކޯޓަށް ފޮނުވުމަށް ޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވާފައިވާނެ ކަމަށް ވެސް ޖުވެނައިލް ކޯޓުން ވަނީ ބުނެފަ އެވެ.

ސުޕުރީމު ކޯޓުން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ އިސްތިއުނާފު ކުރަން ދީފައިވާ މުއްދަތުގެ ތެރޭގައި އިސްތުއުނާފަށް ހުށަނާޅައިފި ނަމަ މައްސަލަ ނިންމި ކޯޓަކުން ހައިކޯޓަށް ލިޔުންތައް ފޮނުވަން ޖެހޭނެ ކަމަށެވެ.

އެގޮތަށް ލިޔުންތައް ފޮނުވަން ޖެހެނީ ހުކުމް ތަންފީޒުކުރުމަށް ސުޕްރީމް ކޯޓުން ހުކުމް ކަށަވަރުކުރަން ޖެހޭ މައްސަލަތަކުގަ އެވެ. މިއީ އޮޓަމެޓިކުން އިސްތިއުނާފަށް ހުށަހެޅުނު ފުރަތަނަ މައްސަލަ އެވެ.

ނޫރު މަރުވެފައި ވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހުގެ ރޭ 1:42 އެހާކަންހާ އިރު، އޭނާ އައިޖީއެމްއެޗްގެ އިމަޖެންސީ ގޭޓު ކުރިމަތިން ބުރުޒު މަގުގައި ޕާކްކޮށްފައިވާ ސައިކަލްތަކާ އަރާ ހަމަވި ވަގުތު ސައިކަލްތަކެއްގައި އައި ބަޔަކު އޭނާ އަށް ވަޅިއަކުން ހަމަލަދިނުމުން ލިބުނު ޒަޚަމްތަކަށް ފަރުވާހޯދަމުން ދަނިކޮށެވެ.

ނޫރު މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ދައުވާ އުފުލި ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުންވަނީ ހުކުމް ކޮށްފަ އެވެ.

ޖުވެނައިލް ކޯޓުން ކުރި ހުކުމްގައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ލިބުނު ކުއްޖާ ނޫރުގެ ވާތްފަރާތު އަރިކައްޓަށް ވަޅިހެރިތަން ފެނުނު ކަމަށް ހަތަރު މީހަކު ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދީފައިވާ ކަމަށެވެ.

ނޫރުގެ މަރުސާބިތުކުރި ލިޔުމާއި ޑެތްސަމަރީއަށް ބެލި އިރު، އޭނާ މަރުވާން ދިމާވި ސަބަބަކީ އޭނާގެ ވާތްފަރާތު އަރިކަށްޓަށް ތޫނުއެއްޗަކުން ލިބުނު ޒަޚަމުގެ ސަބަބުން ހަށިގަނޑުގެ މައިނާރެއް ފޫއަޅުވާލައި ލޭމަނާނުވެ ގިނަ އަދަދަކަށް ހަށިގަނޑުން ލޭ ބޭރުވެ ހަށިގަނޑުގައި ލޭ ދައުރުވުން ހުއްޓި އަދި ފުއްޕާމެއަށް ލޭއެޅި ޝޮކަކަށް ގޮސްގެން ނޭވާލާން އުނދަގޫވެ ނޭވާ ހުއްޓިގެންކަން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

އެ ހުކުމްގައި ވަނީ ދައުވާ ލިބުނު ދެވަނަ ކުއްޖާ ނޫރަށް ހަމަލާދިނުމުގެ ގޮތުން އެއްވެސް ކަމެއްކޮށްފައިވާކަން ނުވަތަ ކުށްކުރި ފަރާތް ފޮރުވުމުގެ ގޮތުން އަދި އެނޫން ވެސް ގޮތަކުން އެކަމުގައި ބައިވެރިވެފައިވާކަން އެއްވެސް މީހެއްގެ ހެކިބަހުން އެނގެން ނެތް ކަމަށެވެ.

ނޫރު މަރާލުމުގައި ބައިވެރިވުމުގެ ތުހުމަތުގައި އިތުރު ދެ މީހެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތް އަދި ނުނިމެ އެވެ.

comment ކޮމެންޓް