ބީޖީއާއި އީގަލްސް ޕޮއިންޓަކުން ފުއްދާލާއިފި

ނޮވެމްބަރު 16، 2015: އުރީދޫ ދިވެހި ޕްރިމިޔާ ލީގުގައި ބީޖީ އާއި އީގަލްސް ބައްދަލު ކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އުރީދޫ ދިވިހެ ޕްރިމިއާލީގްގައި މިރޭ އީގަލްސްއާއި ބީޖީ ކުޅުނު މެޗް ދެ ޓީމުންކުރެ އެއްޓީމަކަށް ވެސް ގޯލެއް ކާމިޔާބު ނުކުރެވި ޕޮއިންޓަކުން ފުއްދާލާން ޖެހިއްޖެ އެވެ.

މިރޭގެ މެޗް އެއްވަރުވުމުން ދެޓީމުވެސް އޮތީ ޕޮއިންޓް ތާވަލްގައި ހަމަ ކުރިންވެސް އޮތް ހިސާބުގައެވެ. އެގޮތުން ހަތަރު ވަނައިގައި 15 ޕޮއިންޓާއެކު އީގަލްސް އޮތީ ތިންވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ލަނޑުގެ ތަފާތުންނެވެ. 13 ޕޮއިންޓާ އެކު ބީޖީ ހަ ވަނައިގައި އޮތީ، ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ފަސްވަނައިގައި އޮތް ވިކްޓަރީއަށް ވުރެ ޖެހި ގޯލްގެ ތަފާތުންނެވެ.

މިރޭގެ މެޗްގައި ދެ ޓީމްގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ އާދައިގެ ކުޅުމެކެވެ. އެހެންނަމަވެސް ދެ ޓީމަށް ވެސް ލަނޑުޖަހާނެ ހުސް ފުރުސަތުތައް ލިބި ވަނީ ގޯލަކަށް ބަދަލުކޮށްލެވޭގޮތް ނުވެފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ބީޖީގެ ކޯޗް މުހައްމަދު ޝާޒްލީ ފާހަގަކުރި ގޮތުގައި މެޗުގެ ދެވަނަ ހާފްގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ ބީޖީ އަށެވެ. އެގޮތުން ދެވަނަ ހާފްގައި ބީޖީއަށް ލިބުނު ކޯނަރަކުން އާދަމް ފަޒީހް ނަގައިދިން ބޯޅަ ޑެނިއަލް ފެލޮމެން ފޮނުވާލީ ގޯލްގެ މަތިންނެވެ.

ނޮވެމްބަރު 16، 2015: އޫރީދޫ ދިވެހި ޕްރިމިޔާ ލީގުގައި ބީޖީ އާއި އީގަލްސް ބައްދަލު ކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ކޯޗް ޝާޒް ބުނީ، މެޗްގައި އެންމެ ރަނގަޅަށް ކުޅުނީ އޭނާގެ ޓީމްކަމަށާއި ތިންޕޮއިންޓު ގެއްލެންދިމާވި އެންމެ ބޮޑުއެއް ސަބަބަކީ އެ ޓީމަށް ލިބުނު ގިނަ ފުރުސަތުތައް ރަނގަޅަށް ބޭނުން ކޮށްނުލެވުން ކަމަށެވެ.

"ބީޖީގެ ކުޅުންތެރިން ކުރާ ހިތްވަރު މި މެޗްގައި ވެސް ފެނިގެން ދިޔަ. ދެން ކޮންމެވެސް ހިސާބެއްގަ ނަސީބުވެސް އެހީވެގެން މިކަހަލަ އުނދަގޫ މެޗެއް ވިންކުރެވޭނީ. އެހްނެ ނަމަވެސް އެކަން ކާމިޔާބު ނުވެގެން އެދިޔައީ،" ޝާޒް ބުންޏެވެ.

މިރޭގެ މެޗްގައި އީގަލްސް އަށްވެސް ލަނޑުޖަހާނެ ހުސް ފުރުސަތުތައް ލިބިވަނީ ބޭކާރުވެފައެވެ. އެގޮތުން ދެވަނަ ހާފްގެ 79 ވަނަ މިނިޓްގައި އީގަލްސްގެ މުބީންއަށް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ބީޖީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، މުބީން ކުރިއަށް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ޣަނީ (ސާންތި) ބުނީ މެޗްގައި އޭނާ ގެ ޓީމްގެ ފަރާތުން ފެނުނު ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި ބަލިނުވެ އެއްޕޮއިންޓް ލިބުމުންވެސް އެއީ މައްސަލައެއް ނޫން ކަމަށެވެ.

މިރޭގެ މެޗްގައި ބީޖީގެ އިބްރާހިމް ޝިޔާމް (ދޮނާ) ދެވަނަ ހާފް ނިމެން އުޅެނިކޮށް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތްކާޑް ދެއްކުމުން، ސާންތި ބުނީ އެންމެ މުހިންމު އެއް ކުޅުންތެރިއަށް ކުރިއަށް އޮތް މެޗްގައި ނުކުޅެވޭގޮތް ވުމުން ޓީމަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތް މެޗްގައި ދޮނާ ނެއްތަން ފޫބައްދައިގެން ރަނގަޅު ކުޅުމެއް ދައްކަން މަސްއްކަތް ކުރާނެ ކަމަށެވެ.

ލީގުގެ މެޗެއް ދެން ކުޅޭނީ، ބުރާސްފަތި ދުވަހުގައެވެ. އެ ދުވަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޓީސީ އާއި ވެލެންސިޔާއެވެ. އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ، ނިއު އާއި ބީޖީއެވެ.

comment ކޮމެންޓް