ފަހަތުން އަރައި ވިކްޓަރީ ބަލިކޮށް މާޒިޔާ ތިންވަނައަށް ޖެހިލައިފި

ފުރަތަމަ ބުރުގައި މާޒިޔާ ކުޅުނު މެޗެއްގައި ޕަބެލޯ ރޮޑްރިގޭޒް ލަނޑު ޖެހުމަށްފަހު އުފާ ކުރަނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫ ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ކުޅުނު މެޗްގައި ފަހަތުންއަރައި ތިން ގޯލް ޖަހައިގެން 1-3 ގެ ނަތީޖާއަކުން ވިކްޓަރީ ސްޕޯޓްސް ކްލަބުގެ މައްޗައް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުރިހޯދައި ލީގުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފި އެވެ.

މެޗްފެށިގެން ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް ދެއްކީ ވިކްޓްރީންނެވެ. ނަމަވެސް ދެޓީމަށް ވެސް ފުރަތަމަ ހާފްގައި ލަނޑުޖަހާނެ ފުރުސަތުތައް ލިބި، ވަނީ ބޭކާރުވެފައެވެ. އެ ގޮތުން ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ވިކްޓްރީގެ އަހްމަދު ނިޔާޒް ގޯލްއޭރިއާ ތެރޭގައި ހުރެ ފޮނުވާލި ބޯޅަ ކީޕަރު އަތްދަށުން ގޮސް ދަނޑީގައިޖެހި ނިކުތުމުން މާޒިޔާގެ ކީޕަރު ވަނީ އަތުލާފައެވެ.

ފުރަތަމަ ހާފްގައި މާޒިޔާއަށް މާގިނަ ހުސް ފުރުސަތުތަކެއް ނުލިބުނުކަމުގައިވީ ނަމަވެސް އެ ޓީމްގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ތަނަވަސް ކޮށް ދިން ފުރުސަތައެއްގައި ޕަބްލޯ ރޮޑްރިގޭޒް ފޮނުވާލި ބޯޅަ ވިކްޓަރީގެ ކީޕަރުގެ އަތުގައި ޖެހި ވަނީ ނިކުމެފައެވެ. އަދި ހުސްކޮށް ހުރި އަސަދުﷲއަށް ލިބުމުގެ ކުރިން ވިކްޓަރީގެ ކުޅުންތެރިން ވަނީ ސާފްކޮށްލާފައެވެ.

ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ދެވަނަ ހާފު ފެށިގެން މާޒިޔާގެ ފަރުހާދް އިސްމާއިލް ވިކްޓްރީގެ މުހައްމަދު ތަސްނީމަށް ފައުލް ކުރުމާއި ގުޅިގެން ލިބުނު ހިލޭޖެހުން 48 ވަނަ މިނެޓްގައި ތަސްމީން ވަނީ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ވިކްޓްރީއަށް މެޗުގެ ކުރިހޯދައި ދީފައެވެ.

ވިކްޓަރީން ލަނޑެއް ޖެހުމާއެކު މާޒިޔާއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ވިކްޓަރީން ލީޑު ނެގިތާ ދެ މިނެޓު ފަހުން މާޒިޔާގެ އަހުމަދު ނާޝިދު (ނާއްޓޭ) ވަނީ ލަނޑެއް ޖަހައި އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ދަނޑުގެ އަރިމަތިން ހިފައިގެން ދިޔަ ބޯޅަ، ވިކްޓަރީ ގޯލްއޭރިއާ ތެރެއަށް ވަދެ ނާއްޓޭ ފޮނުވާލީ ގޯލުގެ ތިރީ ކަނަށެވެ.

މާޒިޔާއިން އެއްވަރު ކުރިތާ ދެ މިނެޓް ފަހުން ނާއްޓޭ ވިކްޓްރީގެ ގޯލްއޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަނުމާއިއެކު ކީޕަރު ކުރި ފައުލަކާއި ގުޅިގެން މާޒިޔާއަށް ވަނީ ޕެނެލްޓީއެއްލިބިފައެވެ.

މެޗްގެ މޮޅު ކުޅުންތެރެއާގެ މަގާމް ހޯދި މަޒިޔާގެ އަސަދުﷲ ވަނީ އެ ޕެނަލްޓީ 58 ވަނަ މިނެޓްގައި ގޯލްގެ ތެރެއަށް ފޮނުވާލައިގެން އެ ޓީމަށް ލީޑް ނަގައިދީފައެވެ.

މާޒިޔާއަށް ލީޑް ފުޅާކޮށްދިނީ 84 ވަނަ މިނެޓްގައި ދެވަނަ ގޯލްވެސް ކާމިޔާބު ކޮށްދިން އަސަދުﷲ އެވެ. އެ ގޯލް އަސަދުﷲ ކާމިޔާބު ކުރީ ޕަބްލޯ ދިން ހުސް ބޯޅައަކުން ވިކްޓަރީގެ ކީޕަރުވެސް ކަޓުވާލުމަށްފަހު ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނީ ތިން މަސްދުވަހަށް ފަހުން މިއަދު މިލިބުނު ތިން ޕޮއިންޓަކީ ވަރަށް މުހިންމު ތިން ޕޮއިންޓުކަމަށާއި އެ މޮޅާ އެކު އިތުރު މެޗްތައް ކާމިޔާބް ކުރުމުގެ ހިތްވަރު މާޒިޔާއަށް ލިބެއްޖި ކަމަށެވެ.

"އެއް ހިސާބެއްގައި 12 ޕޮއިންޓްގައި އޮންނަތާ މިހާރު ހަތަރު މަސްމިވީ. ކުރިއަށް އޮތް މެޗަކީ ވަރަށް މުހިންމު މެޗެއް. އެއީ މާޒިޔާ މި ހާލަތަށް ވެއްޓެން މެދުވެރިވި މަހިބަދޫ އަތުން ޕޮއިންޓެއް ގެއްލިގެން. އެހެންކަމުން ކުރިއަށް އޮތް މަހިބަދޫ މެޗަށް ވަރަށް ބޮޑަށް ވިސްނަންޖެހޭ،" ސުޒޭން ބުންޏެވެ.

ވިކްޓަރީގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ، ބަލިވީ ރަނގަޅަށް ކުޅެފައި ކަމަށާއި މައްސަލައަކީ ކުދިކުދި ގޯސްތަކެއް ހެދި ލިބުނު ފުރުސަތުތައް ގޯލަކަށް ހަދާނުލެވުން ކަމަށެވެ.

"މާޒިޔާގައި މިހާރު އެ އޮތީ ގާތްގަޑަކަށް ރާއްޖޭގެ ގައުމީ ޓީމު. އެ ޓީމު ހިފެހެއްޓުން އެއީ އުނދަގޫ ކަމެއް. އެކަމަކު ވިކްޓަރީގެ ލަނޑަށް ފަހު މާޒިޔާއިން ގޯލެއް ޖެހިޔަނުދީ ހިފަހައްޓާލެވުނު ނަމަ މެޗްގެ ނަތީޖާ ބަދަލު ވާނެ،" ނާދު ބުންޏެވެ.

މި މޮޅާއެކީ މާޒިޔާ ލީގުގެ ތިންވަނައިގައި އޮތީ، 15 ޕޮއިންޓާއެކީގައެވެ. މި މެޗުން ބަލިވި ވިކްޓަރީ އޮތީ، 13 ޕޮއިންޓާއެކު ލީގުގެ ފަސްވަނައިގައެވެ. ލީގުގެ އެއްވަނައިގައި 23 ޕޮއިންޓާއެކު ނިއު އޮތްއިރު، ދެވަނައިގައި 21 ޕޮއިންޓާއެކީ އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅޭނެއެވެ. މި މެޗުގައި ބައްދަލުކުރާނީ، ކްލަބް އީގަލްސް އާއި ބީޖީ ސްޕޯޓްސްއެވެ.

comment ކޮމެންޓް