19،000 ލިޓަރުގެ ޖެޓް ފިއުލް ވަގަށް ނަގާފައިވޭ: އެމްއޭސީއެލް

އައިއެންއައިއޭގައި ފުލުހުން ހަރަކާތްތެރިވަނީ: ޖެޓް ފިއުލް ވަގަށް ނެގި މައްސަލާގައި ބަޔަކު ވަނީ ހައްޔަރުކޮށްފައި-- ފޮޓޯ/ އޭޕީ

އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) އިން 19،000 ލިޓަރުގެ ޖެޓް ފިއުލް ވަގަށް ނަގާފައިވާ ކަމަށާއި އެކަންކޮށްފައި ވަނީ ފިއުލް ފާމަށް ވަނުމުގެ ހުއްދަ އޮތް ބައެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އައިއެންއައިއޭގައި ނޫސްވެރިންނަށް މައުލުމާތު ދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެއާޕޯޓް ފިއުލް ފާމް އިން ޖެޓް ފިއުލް ވަގަށް ނަގާފައި ވަނީ ކުންފުނީގެ މުއައްޒަފުންކަމަށެވެ.

"އަޅުގަނޑުމެންނަށް މިކަން [އެއާޕޯޓުގެ ސްޓާފުންނާ ގުޅިގެން ޖެޓް ފިއުލް ވަގަށް ނެގުން] ފާހަގަ ކުރެވުނު ތަންކޮޅަކީ، ކޮންމެ ދުވަހަކު ޖެޓް ފިއުލް މޫވްމެންޓްގެ ރިކޯޑުތަކެއް ހަދާތީ. އެހެންވީމަ އަޅުގަނޑުމެނަށް އެނގޭނެ އާދަޔާ ހިލާފަށް ކަމެއް ވަންޏާވެސް،" އާދިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖެޓް ފިއުލް ވަގަށް ނަގާފައި ވަނީ ސެޕްޓެމްބަރު މަހުގެ ހަތަރެއްގައި ކަމަށާއި އެ ވަގަށް ނެގި ދުވަސް ނޫން ޖެހިގެން އައި ދުވަހު އެ މައްސަލަ އެނގިފައިވާ ކަމަށެވެ. އެއާ އެކު ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ޖެޓް ފިއުލް ވަގަށް ނަގާފައިވާއިރު އެ މަސައްކަތަކީ ދެ މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމުގައި ގިނަ ބަޔަކު ބައިވެރި ވެފައިވާ ކަމަށް އާދިލް ވިދާޅުވި އެވެ.

"އެ މައްސަލައިގައި އެއާޕޯޓުގެ ދެ މުއައްޒަފަކު ވަނީ ފުލުހުންގެ ދަށަށް ގެންގޮސްފައި. ނަމަވެސް އެކަމަކީ ދެމީހަކަށް ކުރެވޭ ވަރަށްވުރެ ބޮޑު ކަމެއް. އޭގެ ފަހަތުގައި އަދި ސްޓާފުންގެ އިތުރުން އެހެން ފަރާތްތަށްވެސް ހިމެނޭނެ،"

ޖެޓް ފިއުލް އަކީ ކަރާސީނެވެ. ފާމްތަކުން ފިއުލް ނެގުމުގައި ފުރަތަމަ އެ އަޅަން ޖެހޭނީ ބައުޒަރަކަށެވެ. އެއަށްފަހު ވަގަށް ނެގި ފަރާތްތަކުން އެ ފިއުލް ބައުޒަރުގައި ގެންގޮސް ދޯންޏަކަށް ޑިސްޓްރިބިއުޓް ކުރުމަށްފަހު އެއާޕޯޓުން ބޭރުކޮށްފައިވާ ކަމަށް އާދިލް ވިދާޅުވި އެވެ.

ކަރާސީނު ލީޓަރެއްގެ އަގަކީ 10 ރުފިޔާއެވެ. އެހެން ކަމުން ވަގަށް ނެގި ޖެޓް ފިއުލްގެ އަގަށް 190،000 ރުފިޔާ އަރާނެއެވެ.ވ

comment ކޮމެންޓް