އައިޖީއެމްއެޗުގައި އެމްއާރުއައި މެޝިނެއް ބަހައްޓައި ހިދުމަތް ދޭން ފަށައިފި

އައިޖީއެމްއެޗުގައި އެމްއާރުއައި ސެންޓަރެއް ހުޅުވުން: ސަންފޮޓޯ-ޔޫސުފް ސޮފްވާން

ސަރުކާރުގެ ބަޖެޓުން 23 މިލިއަން ރުފިޔާ ހަރަދުކޮށްގެން މެގްނެޓިކް ރެސޮނެންސް އިމޭޖިން (އެމްއާރުއައި) މެޝިނެއް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި މިއަދު ބަހައްޓައިފި އެވެ.

އައިޖީއެމްއެޗްގައި ހެދި އެމްއާރުއައި ސެންޓަރު ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ އެ މެޝިން ބެހެއްޓިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިސްނެންގެވުމުގެ މަތިން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެމްއާރުއައި މެޝިނެއް ބެހެއްޓުމަށް ވަރަށް ގިނަ ފަރާތްތަކަކާ މަޝްވަރާ ކުރެވި އަދި ވަރަށް ގިނަ ދުވަސްތަކެއް ނަގާތީ ސީދާ ދައުލަތުގެ ބަޖެޓުން 23 މިލިއަން ހަރަދުކޮށްގެން އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ނިންމެވީ ކަމަށެވެ.

"އެމްއާރުއައި ސްކޭން މެޝިން ނުބެހެއްޓި ގިނަ ދުވަސް ނަގާތީ އެމަނިކުފާނު ނިންމެވީ އެ މެޝިން ދައުލަތުގެ ހަރަދުގައި ބައްލަވައިގަނެގެން މިތަނުގައި [އައިޖީއެމްއެޗްގައި] އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް،" މިނިސްޓަރު އިރުތިޝާމް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގައި އެމްއާރުއައި ސެންޓަރެއް ހުޅުވުން: ސަންފޮޓޯ-ޔޫސުފް ސޮފްވާން

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު އެ ޕްރޮޖެކްޓް ފަށާފައިވާ އިރު އެކަމަށް ލިބިގެންދިޔައީ ވަރަށް ކުޑަ ދުވަސްކޮޅެއް ކަމަށެވެ. އަދި މިއަދު ބެހެއްޓިގެން ދިޔަ މެޝިންގެ ސަބަބުން ސިއްހީދާ އިރާ އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރު އަދި ވިދާޅުވީ އެމްއާރުއައި މެޝިން ބެހެއްޓުމަށް 23 މިލިއަން ހަރަދުކުރި ނަމަވެސް އެކަމަށް ބޭނުންވާ ޑޮކްޓަރުން ހޯދުމަށް ވެސް އިތުރު ހަރަދުތަކެއް ކުރަންޖެހުނު ކަމަށެވެ.

އައިޖީއެމްއެޗުގައި އެމްއާރުއައި ސެންޓަރެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވާހަކަދައްކަވަނީ: ސަންފޮޓޯ-ޔޫސުފް ސޮފްވާން

މިއަދު ހުޅުވި އެމްއާރުއައި ސެންޓަރުން މިއަދު ހިދުމަތް ދެވެން ފެށުމުން ބަލިތައް ދެނެގަނެ ޑައިގްނޯސް ކުރެވި، އެ ހިދުމަތް ހޯދުމަށް ކުރާ ހަރަދު އެތައް ތަނެއް ކުޑަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ސެންޓަރުގެ ސަބަބުން ރައްޔިތުންނަށް ގާތުން ހިދުމަތް ލިބިގެންދާނެ ކަމަށް ވެސް އެ ކަމަނާ ވިދާޅުވި އެވެ.

"އެކިއެކި އާއިލާތަކުން ޝަކުވާ ކުރޭ ސްކޫލް ދުވަސްވަރު ނުވަތަ ވަޒީފާގައި އުޅޭއިރު ރާއްޖޭން ބޭރަށް އެ ހިދުމަތް ހޯދަން ދާންޖެހޭތީ،" މިނިސްޓަރު ވިދާޅުވި އެވެ.

އައިޖީއެމްއެޗުގައި ގާއިމް ކުރި އެމްއާރުއައި ސެންޓަރު ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ހުޅުވައި ދެއްވަނީ: ސަންފޮޓޯ-ޔޫސުފް ސޮފްވާން

އެމްއާރުއައި މެޝިން ރާއްޖެ ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތްކޮށްފައި ވަނީ، ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ މެދުވެރިކޮށެވެ. އަދި އެ މެޝިން ބަހައްޓާފައި ވަނީ ކުރިން އެ ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ހިދުމަތް ދެމުންގެން ދިޔަ ބައިގަ އެވެ.

އައިޖީއެމްއެޗުން އެމްއާރުއައި ހިދުމަތް މިއަދު ފަށާފައިވާ އިރު، ކުރިން އެމްއާރު ޓެސްޓުތައް ހެދޭނީ އޭޑީކޭ އިން އެކަންޏެވެ.

comment ކޮމެންޓް