ފެން ލިބުމަށް ކުރިމަތިވާ ދަތިތައް ހައްލު ކުރުމަށް 23.6 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ފަށަނީ

ފުވައްމުލަކު: މޫސުމަށް އަންނަ ބަދަލާއެކު ފެނަށް ޖެހޭ ދަތި ކަމަށް ހައްލު ކުުރުމަށް އެ މަޝްރޫއު ފަށާނީ އަންނަ އަހަރު ---- ސަން ފޮޓޯ: ފަޔާޒު މޫސާ

އިރުވައި މޫސުމުގައި ރާއްޖޭގެ ބައެއް ރަށްރަށަށް ދިމާވާ ބޯފެނުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫޢަށް 23.6 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) އިން ރޭ ކަނޑައަޅާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީ އިން ބުނެފި އެވެ.

މިއަދު އެންވަޔަރަމެންޓް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގްރީން ކްލައިމެޓް ފަންޑު (ޖީ.ސީ.އެފް) އަކީ، މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ގެއްލުންތައް ކުޑަކުރުމުގެ އިތުރަށް އެ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ އެހީ ދިނުމަށް ޤާއިމްކުރެވިފައިވާ ފަންޑެއް ކަމަށެވެ.

އިރުވައި މޫސުމުގައި ރާއްޖޭގެ ބައެއް ރަށްރަށަށް ދިމާވާ ބޯފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ޖީއެފްސީގެ އެހީގައި ސަރުކާރުން ހިންގާ މަޝްރޫއުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

އެމަޝްރޫއުގެ ދަށުން ވާރޭފެން ރައްކާކުރެވޭ ނިޒާމްތައް ހަރުދަނާކޮށް އިތުރު ކުރުމާއި ލޮނުފެންމީރު ފެނަށް ހަދާ ނިޒާމް (ޑީސެލިނޭޝަން ޕްލާންޓް) ބައެއް ރަށްރަށުގައި ބެހެއްޓުން ހިމެނެއެވެ. އޭގެ އިތުރުން ފެނާ ގުޅޭ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ބޭނުންވާ މިންގަނޑުތަކާއި އުސޫލުތައް ތައްޔާރުކުރުމުގެ މަސައްކަތް ވެސް އެމަޝްރޫއުގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އިން ބުނީ ގްރީން ކްލައިމެޓް ފަންޑަކީ އަލަށް ގާއިމު ކޮށްފައިވާ ފަންޑެއް ކަމަށެވެ. އެ ފަންޑުން އެހީ ހޯދުމަށް 37 ގައުމަކުން ޕްރޮޕޯޒަލް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ. ރާއްޖެ ހިމެނެނީ ޖީސީއެފް ގެ އެހީ އެންމެ ފުރަތަމަ ލިބުނު ގައުމުތަކުގެ ތެރޭގައި ކަމަށްވެސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް