ދުނިޔޭން މަދުން ނޫނީ ނުފެންނަ މަހެއް ރާއްޖޭގެ މަސްވެރިޔަކު ބާނައިފި

"މެގަންތިއަސް ފިލިފެރަސް" ނަމަކަށް ކިޔާ މަސް މާލެ މަސް މާރުކޭޓުގައި: އެ މަސް ބޭނީ ކ. ގާފަރު ކައިރިން-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މުޅި ދުނިޔެއިން ވެސް މަދުން ނޫނީ ފެނިފައި ނުވާ ވައްތަރެއްގެ މަހެއް ރާއްޖޭގެ މަސްވެރިއަކު ބާނައިފި އެވެ.

"މެގަންތިއަސް ފިލިފެރަސް" ނަމަކަށް ކިޔާ "ދޮންބުރަކީ"ގެ އާއިލާގެ އެ މަސް ބޭނީ ކ. ގާފަރު ކައިރިން 200 މީޓަރު އަޑިންނެވެ. އެ މަސް ބޭނީ އަބްދުﷲ މޫސާ ނަމަކަށް ކިޔާ މަސްވެރިއެކެވެ.

މަސް މާރުކޭޓަށް މިއަދު ހެނދުނު ވިއްކަން އެރުވި އެ މަސް މިހާރު ވަނީ މެރިން ރިސާޗު ސެންޓަރުން ގެންގޮސްފަ އެވެ. އެ މަސް މިހާރު ވަނީ ކުނި ނުވާ ގޮތަށް ހަދާފަ އެވެ.

"މެގަންތިއަސް ފިލިފެރަސް" ނަމަކަށް ކިޔާ މަސް ބޭނު މަސްވެރިޔާ: އެ ދުނިޔެއިން ފެނުނު އެ ބާވަތުގެ ތިން ވަނަ މަސް-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ކަނޑުމަހާ ބެހޭ ގިނަ ދިރާސާތަކެއްކޮށް ފޮތްތަކެއް ލިޔުއްވާފައިވާ އަހުމަދު ހާފިޒު "ސަން"އަށް ވިދާޅުވީ، އޭގެ މަހެއް މުޅި ދުނިޔެއިން ވެސް ފެނުނިފައި ވަނީ ދެ ފަހަރު ކަމަށެވެ. ރާއްޖޭގެ މަސްވެރިޔަކު އެ މަސް ބޭނުމުން އެއީ ދުނިޔެއިން ފެނުނު އެ ވައްތަރުގެ ތިން ވަނަ މަސް ކަމަށާއި އޭގެ މަހެއް ފެނިގެން ރާއްޖެއިން ރިޕޯޓް ކުރި މިއީ ފުރަތަމަ ފަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ މަހެއް ފުރަތަމަ ފެނިފައި ވަނީ ތައިލޭންޑުގެ ހުޅަނގު ދެކުނު ކަނޑުންނެވެ. އެއަށްފަހު މިދިޔަ އަހަރު އިންޑިއާ ކަނޑުގެ "އެންޑަމަން ސީ" ސަރަހައްދުންނެވެ. މި މަސް އާންމުކޮށް އުޅެނީ 150 މީޓަރާއި 200 މީޓަރާ ދެމެދުގެ އަޑީގަ އެވެ. މަސް އާންމުކޮށް ބޮޑުވަނީ އަށް އިންޗިއަށެވެ.

ކެއުމަށް ވެސް ރަނގަޅު އެ މަސް ބޭނި މަސްވެރިޔާ އަބްދުﷲ މޫސާ "ސަން" އަށް މިއަދު ބުނީ، ގާފަރު ކައިރިން ބޭނި އެ މަސް އެންމެ ފުރަތަމަ ގެންދިޔައީ ހުވަފެންފުށި ރިސޯޓަށް ކަމަށާއި އެއަށްފަހު މާލެއަށް ގެނައީ ކަމަށެވެ.

"ނަނު ނެގި އިރު ފަސް ބުޅީގެ ތެރެއިން އެއް ބުޅީގައި މިމަސް އޮތީ. ދެން ހުރީ ފާނު މަހާ ރަތްމަސް. ދެން ނަގައިގެން އައިސް ކޮށްގެން ގެންދިޔައީ ހުވަފެންފުށި ރިސޯޓަށް ފުރަތަމަ. އެއީ އެތަނަށް އަޅުގަނޑުމެން ބޭނި މަސްތައް ކިރަން ދިޔައިރު. އެއަށްފަހު މާލެއަށް ގެނައީ،" އަބްދުﷲ މޫސަ ވިދާޅުވި އެވެ. "ހައިރާންވި ހަމަ މި މަސް ފެނުނީމަ. އެހާ ރީތި. މަސްވެރިކަމުގައި 40 ވަރަކަށް އަހަރުވީ. އަދި ދުވަހަކު ވެސް މީގެ މަހެއް ފެނިފައެއް ނުވޭ. މިހާރު މިއޮތީ ކުޑަކޮށް ކުލަގޮސްފައި،" އަބްދުﷲ ބުންޏެވެ.

comment ކޮމެންޓް