ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ އެންމެ ބޮޑު ސަރަހައްދު ކަމަށްވާ ސައުތު އަރި މެރިން ޕްރޮޓެކްޓަޑް އޭރިޔާ (ސަމްޕާ) އަށް ވަންނަ އުޅަނދުފަހަރުގެ ބުރަފަތީގައި ޕްރޮޕެލާ ގާޑު އެޅުވުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން އެންމެ ފަހު މުއްދަތު ދީފިއެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ކުރި އިއުލާނެއްގައި ބުނީ، ސަމްޕާ ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ މެނޭޖްމަންޓް ޕްލޭނުގެ 12 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން، އެ ސަރަހައްދުގައި ސްނޯކަލިން އަދި ޑައިވިންއަށް މީހުން އުފުލާ އުޅަނދުފަހަރުގައި އަންނަ މަހުގެ 31 ގެ ކުރިން ޕްރޮޕެލާ ގާޑު ހަރުކުރަން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން އެ މުއްދަތުގެ ފަހުން އެ ސަރަހައްދުގައި ފަތުރުވެރިން އުފުލުމުގައި ބޭނުންކުރެވޭނީ ޖެޓް އިންޖީނުލީ ނުވަތަ ޕްރޮޕެލާ ގާޑު ހަރުކޮށްފައިވާ އުޅަނދުފަހަރުތައް އެކަނި ކަމަށް ވެސް މިނިސްޓްރީން ހަނދާންކޮށްދީފައިވެއެވެ.
ސަމްޕާ ސަރަހައްދަށް ވަންނަ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އެޅުވުން މަޖުބޫރުކުރަން ނިންމައި ސަރުކާރުން ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އޭގެ ފަހުން އެކަން ކުރުމަށް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ވެސް އިތުރު ފުރުސަތެއް ދިނެވެ.
މީގެއިތުރުން އެ މުއްދަތު ހަމަވުމުން އެ ސަރަހައްދަށް ވަނުމަށް ރަޖިސްޓްރީ ކޮށްދެވޭނީ ގާޑު އެޅުވުމަށްފަހު ހުށަހަޅާ އެޕްލިކޭޝަންތައް އެކަނި ކަމަށް އެންވަޔަރަމެންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން ވެސް ކުރިން ވަނީ ބުނެފައެވެ.
އެ އޮތޯރިޓީން ބުނެފައިވަނީ އެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ މި ސަރަހައްދަކީ، ފެހުރިހި ކާނާ ހޯދަން ރާއްޖޭގައި އެންމެ ގިނައިން ޖަމާވާ ސަރަހައްދެވެ.
އެހެންކަމުން ގިނަ އަދަދެއްގެ ޓޫރިސްޓުން މި ސަރަހައްދަށް ޒިޔާރަތްކުރާއިރު، އުޅަނދުތަކުގެ ބުރަފަތިން ޖެހި މީހުންނަށާއި ފެހުރިއްސަށް އަނިޔާވެ ނުރައްކާތެރި ހާދިސާތައް ހިނގުން ވަނީ އާންމުވެފައެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން 2009 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ ސަމްޕާ ސަރަހައްދުގެ މެނޭޖްމަންޓް ޕްލޭނުގައިވާ ގޮތުން، އެ ސަރަހައްދުގެ މޫދަށް އެއްފަހަރާ އެންމެ ގިނަވެގެން ވެސް ފައިބައިގެން އުޅެވޭނީ 60 މީހުންނަށެވެ. އަދި އެއްފަހަރާ މީހުން ބޭލޭނީ އެންމެ ކައިރީގައި އޮންނަ ހަތަރު އުޅަނދަކުންނެވެ.
ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާ (އައިޔޫސީއެން) ގެ ރެޑް ލިސްޓުގައި ޖުލައި 2016 ގައި ފެހުރިހި ހިމަނާފައިވަނީ ދުނިޔެއިން ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރުމެއްގެ ގޮތުގައެވެ.