މަހިބަދޫ އަތުން މޮޅުވެ، ޓީސީ ފަރަގު ކުޑަކޮށްފި

ރޭ މަހިބަދޫ އާއި ޓީސީ ބައްދަލުކުރި މެޗްގެ ތެރެއިން --- ސަން ފޮޓޯ: ހުސެން ހަބީބް

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ރޭ މަހިބަދޫ އަތުން 2-1 އިން ޓީސީ މޮޅުވެ، ނިއު ރޭޑިއަންޓާ ދެމެދު އޮތް ފަރަގު ކުޑަކޮށްފި އެވެ.

މި ނަތިޖާގެ ސަބަބުން ތާވަލުގެ އެއްވަނައި އޮތް ނިއުރޭޑިއަންޓާއި ދެ ވަނައިގައިވާ ޓީސީއާ ދެމެދު މިހާރު އޮތީ އެންމެ ދެ ޕޮއިންޓްގެ ތަފާތެކެވެ. ޓީސީ އަށް ލިބިފައި ވަނީ 21 ޕޮއިންޓެވެ. ނިއު އަށް ލިބިފައި ވަނީ 23 ޕޮއިންޓެވެ. މަހިބަދޫ އޮތީ އެންމެ ޕޮއިންޓަކާ އެކު ޓޭބަލުގެ ފުލުގަ އެވެ. ނިއު އަށް ކުރިން ލިބިފައިއޮތް ފަސް ޕޮއިންޓްގެ ލީޑު ހަނިވީ އެ ޓީމު އިއްޔެ ހަވީރު ވެލެންސިއާ އަތުން 4-2އިން ބަލިވުމެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ޓީސީގެ ނާއިޒް ހަސަން އަދި ބްރެޒިލް ފޯވަޑް ރަފީނިއާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ޓީސީގެ ހަމަލާތައް ވަރުގަދަ ކުރި އެވެ. މެޗުގެ 64 ވަނަ މިނިޓްގައި މަހިބަދޫ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ރަފީނިއާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ޓީސީ އަށް ރަފީނިއާ ލީޑު ނަގައިދިނީ މެޗުގެ 71 ވަނަމިނިޓްގަ އެވެ. މަހިބަދޫ އޭރިއާ ބޭރުން އަހުމަދު ޒާދު ނަގައިދިން ހުރަހަކުން ރަފީނިއާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެމަތީކަނަށެވެ. އޭގެ ހަ މިނިޓް ފަހުން މަހިބަދޫ އޭރިއާ ތެރޭގައި ހުރެ ރަފީނިއާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑި އަށެވެ.

މެޗުގެ 81 ވަނަ މިނެޓްގައި ޓީސީން އިތުރު ލަނޑެއް ކާމިޔާބުކޮށް، ލީޑު ފުޅާކުރި އެވެ. މިލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވަޑް އިބްރާހިމް ވަހީދު ހަސަން އެވެ. މިލަނޑު އޭނާ ކާމިޔާބުކުރީ މަހިބަދޫގެ ކީޕަރު ކައިރިން ނައްޓާލުމަށް ފަހު އެވެ.

މަހިބަދޫގެ ލަނޑު މެޗުގެ 88 ވަނަ މިނިޓްގައި ޑަސިލްވާ ކާމިޔާބުކުރީ މުހައްމަދު ޖުނައިދު ނަގައިދިން ހުރަހަކުން ބޮލުންނެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭނީ ވިކްޓަރީ އާއި މާޒިޔާ އެވެ. މާދަމާ ރޭ ކުޅޭނީ ބީޖީ އާއި އީގަލްސް އެވެ.

comment ކޮމެންޓް