ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން ކަމުގެ މަގާމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މުބީން ރޭ އިންތިޚާބުކޮށްފިއެވެ.
އެ ކުލަބުން އިންތިޚާބެއް ބޭއްވީ ކުރިން އެ މަގާމުގައި ހުންނެވި ޗެއާމަން އަޙްމަދު ވާސިފް އިސްތިއުފާ ދިނުމާ ގުޅިނެވެ.
އެހެންވެ، ރޭ އެ ކުލަބުން ވަނީ މަގާމުތަކަށް މީހުން އިންތިޚާބު ކުރުމަށް ކޮންގްރެސްއެއް ބާއްވާފައެވެ. އެ ކޮންގްރެސްގައި ކޮންމެ މަގާމަކަށް ކުރިމަތިލީ އެއް ކެނޑިޑޭޓަކު ކަމަށްވާތީ، މަގާމުތަކަށް މީހުން އިންތިޚާބު ކޮށްފައި ވަނީ އަތް ހިއްލައިގެން ފެންނަ ނުފެންނަ ވޯޓެއް ނަގައިގެނެވެ.

ނިއުރޭޑިއެޓްގެ ހިންގާ ކޮމިޓީއަށް އިންތިޚާބުކުރި މީހުން ---- ފޮޓޯ: ނިއުރޭޑިއަންޓް
މިގޮތުން، އެ ކުލަބުން ސީނިއާ ވައިސް ޗެއާމަންކަމަށް ދެ މީހުން އިންތިޚާބުކުރިއެވެ. އެއީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލްއާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް (ކައްޕި)އެވެ.
ވައިސް ޗެއާމަން ކަމަށް އަލީ ރަޝީދު އަޙްމަދު (ލޯޔަރު އަލީ) ކަނޑައެޅިއިރު، ލީގަލް ކައުންސިލަކީ މާޒިން ހުސައިން އިބާރާހިމް (ކައްޕި ބްރޯ)އެވެ.
މީގެއިތުރުން، ބޯޑަށް އިންތިޚާބުކުރި މެންބަރުންނަކީ އިސްމާއީލް ރަޝީދު (ހުންގާނު)، މުހައްމަދު ޝަކީލް، މުހައްމަދު ޔޫސުފް، އަޙްމަދު މޫސާ، އަޙްމަދު ހުސައިން، މޫސާ ސާއިދު، އަޙްމަދު ޔޫސުފް، ޒަހީނުއްދީން ސައީދު، އަބްދުﷲ އަބޫބަކުރު، މުހައްމަދު އަލީގެ އިތުރުން އުމަރު ފަރުހާނެވެ.
އެ ކުލަބުން އަސާސީ ގަވައިދަށް ވެސް ރޭ ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން، މަޖުބޫރުކޮށް އޮތް ޗަންދާ ނެގުމުގެ އުސޫލު އިޚްތިޔާރީ ކަމަކަށް ވަނީ ބަދަލުކޮށްފައެވެ.
ނިއު ރޭޑިއަންޓަކީ ރާއްޖޭގައި އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކުލަބެވެ. ފުޓްބޯޅަ ފޯރި އެންމެ ގަދައިރު އެ ޓީމަކީ އެންމެ ބޮޑެތި ކާމިޔާބީތައް ހޯދަމުން އައި އެއް ޓީމެވެ. ނަމަވެސް ފަހުން އެ ޓީމަށް ސަސްޕެންޝަންތަކަކާ ކުރިމަތިވެ ފުޓްބޯޅައިން ދުރަށް ދާން ޖެހުނީއެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު ދިވެހި ފުޓްބޯޅައިގެ ފޯރި މިހާރު ވަނީ ވަރަށް ބޮޑަށް ދަށް ވެފައެވެ. އަލުން އެ ފޯރި ގެނައުމަށް ސަރުކާރުން މިހާރު އަންނަނީ މަސައްކަތްތައް ކުރަމުންނެވެ.